ފާއިތުވީ ހަފުތާތަކުގައި ކޮވިޑް-19 ރޯގާ ޖެހިގެން ރިޕޯޓުކުރެވުނު މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، ކޮވިޑް ރޯގާގެ ކޭސްތައް ރިޕޯޓު ކުރެވުނު މިންވަރު އިތުރުވުމުގެ އިތުރުން މި ދުވަސްވަރު އާންމުކޮށް ފެތުރޭ ވައިރަލް ރޯގާއާއި ޑެންގޫ އަދި އިންފްލޫއެންޒާގެ ކޭސްތައް ވެސް ގިނަ އަދަދަކަށް ރިޕޯޓުކުރެވުމުންދާ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ވިއްސާރަ މޫސުމާ ދިމާކޮށް ބަލިތައް ފެތުރުން ވަރަށް ބޮޑަށް އިތުރުވެ އެވެ.

އެޗްޕީއޭ އިން ވަނީ އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބަލިތަކުގެ ހާލަތު ވަރަށް ގާތުން މޮނިޓާކޮށް، އިތުރު ތަފުސީލު ހާމަކުރަމުން ގެންދާނެ ކަމަށް ބުންޏެވެ.

ރާއްޖޭގައި ވެސް ކޮވިޑް ކޭސްތައް އިތުރުވަމުންދާ ކަމަށް އެޗްޕީއޭ އިން ހާމަކުރި އިރު، އަވަށްޓެރި އިންޑިއާ އާއި ދިވެހިން ގިނަ އަދަދަކަށް ގޮސް އުޅޭ މެލޭޝިއާ އަދި ތައިލެންޑުގައިވެސް ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުންނެވެ.