އެފްއޭއެމްއިން ރާވައި އިންތިޒާމުކުރަމުން އަންނަ އެފްއޭއެމް ލީގު ކަޕް 2025 ގެ ލީގު ބުރުގެ ފަހު ދެމެޗުވެސް އެއްވަރުވެއްޖެއެވެ.

ސީޒަން ނުފެށި ދިގުލައިގެން ގޮސް، ލީގު ފަށަން ހުއްދަ ނުލިބުމުން އެފްއޭއެމްއިން ރާވައިގެން ކުރިއަށް ގެންދާ ލީގު ކަޕްގައި ފަސް ޓީމަކުން ވާދަކުރި އިރު، އިއްޔެގެ މެޗުތަކަށް ނުކުތް އިރުވެސް މަހިބަދޫ ސްޕޯޓްސް ކްލަބު އޮތީ ސެމީއަށް ނުގޮސް ކަޓައިފައެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގު ބުރުގެ އެއްވަނަ ހޯދުމާ ގާތުގައި އޮތް އިރު، އިއްޔެ އޮޑި ސްޕޯޓްސް ކްލަބުން މާޒިޔާއާ އެއްވަރުކުރީ 1-1 އިންނެވެ. އަދި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ކައިރީ މަހިބަދޫ އެއްވަރުކުރީ 2-2 ގެ ނަތީޖާއަކުންނެވެ.

މާޒިޔާ އެއްވަނަ ޔަގީންކުރީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނައިގައި އޮޑި އޮތީ ހަތަރު މެޗުން ފަސް ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ފުލުގައި އޮތް މަހިބަދޫއަށް ލިބުނީ ރޭ ލިބުނު ޕޮއިންޓް އެކަންޏެވެ.

އޮޑިއާއި މާޒިޔާ ވާދަކުރި މެޗުގެ ކުރީކޮޅުގައި އޮޑީގެ ހައިސަމް ރަޝީދު ގޯލެއް ޖަހައި އެޓީމަށް ލީޑު ނަގައިދިން އިރު، މާޒިޔާއަށް އެއްވަރުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެއީ ފަހު ވަގުތުކޮޅުގައި ލިބުނު ޕެނަލްޓީއަކުންނެވެ.

ރޭ ނިއުއިން މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ނިއުއިން ލީޑު ނެގީ ޕެނަލްޓީއެއްގައި ތޯރިކް ޖެބްރިން ޖެހި ގޯލުންނެވެ. އޭގެފަހުން ހާފު ނިމެން ކައިރިވެފައި އޮއްވާ ލިބުނު ޕެނަލްޓީއަކުން މަހިބަދޫގެ ޝުއައިދު ސައީދު އެޓީމަށް އެއްވަރުކޮށްދިން އިރު، ދެވަނަ ހާފު ފެށި ތަނާ ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ނިއުއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ.

އެ ލީޑު ނިއުއަށް ގެއްލުނީ 74 ވަނަ މިނެޓުގައި ޝުއައިދު ޖެހި އިތުރު ގޯލަކުންނެވެ.

ލީގު ކަޕްގެ ސެމީގައި، ލީގު ބުރުގެ އެއްވަނަ ކުޅެން ޖެހޭނީ ހަތަރު ވަނައާ އެވެ. ދެވަނަ ޓީމު ކުޅެން ޖެހޭނީ ތިން ވަނަ ޓީމާއެވެ. ފުރަތަމަ ސެމީގައި އާދީއްތަ ދުވަހު ހަވީރު މާޒިޔާއިން ކުޅޭނީ ޓީސީއާ ދެކޮޅަށެވެ. އަދި، ދެވަނަ ސެމީގައި އާދިއްތަ ދުވަހުގެރޭ އޮޑިން ކުޅެން ޖެހޭނީ ނިއުއާ ދެކޮޅަށެވެ.