އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔަގީން ކޮށްފައިވާ ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ބްރައިޓަން އަތުން ބަލިވެއްޖެއެވެ.

ބްރައިޓަން ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ބްރައިޓަން އަށްވަނައިގައި އޮތީ 37 މެޗުން 58 ޕޮއިންޓާއެކުގައެވެ. ލިވަޕޫލް ބަލިވި ނަމަވެސް، އެޓީމަށް މާ ބޮޑު ގެއްލުމެއް ނެތެވެ. އެއްވަނައިގައި އޮތީ 37 މެޗުން 83 ޕޮއިންޓާއެކުގައެވެ. އެޓީމަށް އޮތީ ޗެމްޕިއަންކަން މާ ކުރިން ޔަގީންވެފައެވެ.

ރޭގެ މެޗުގައި ލިވަޕޫލުން ދެފަހަރަށް ލީޑު ނެގި ނަމަވެސް، އެފަހަރުވެސް ބްރައިޓަންއިން ވަނީ ރައްދު ދީފައެވެ. ފުރަތަމަ ލިވަޕޫލުން ނުވަ ވަނަ މިނެޓުގައި ލީޑު ނަގާފައިވާ އިރު، އެ ގޯލު ޖެހީ ހާވީ އެލިއޮޓެވެ. އެއީ ކޯނޯ ބްރެޑްލީގެ ބުރަ މަސައްކަތުން ތަނަވަސްކުރި ފުރުސަތެއްގައެވެ.

އެ ގޯލާއެކު ލިވަޕޫލުން ލީޑު ނެގި ނަމަވެސް، ހާފު ނިމުމުގެ ކުރިން ޔާސިން އަޔާރީ ވަނީ ބްރައިޓަންއަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ޑޮމިނިކް ޒޮބޮސްލާއީ ވަނީ ލިވަޕޫލަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. އެއީ އޭރިއާ ރޮނގު ކައިރިން ކަހަލަ ގޮތަކަށް ލިބުނު ހިލޭ ޖެހުމެއްގައި އެލިއޮޓާ ދެކުޅުންތެރިން ގުޅިގެން އުފެއްދި އަވަސް ހަމަލާއެއްގައި އޭނާ ޖެހި ގޯލެކެވެ.

އޭގެފަހުން އަނެއްކާވެސް ބްރައިޓަން ރަނގަޅަށް ކުޅެން ފަށާފައިވާ އިރު، ޑެނީ ވެލްބެކްގެ ނުރައްކާތެރި ހަމަލާއެއް މަތަކުރީ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާއެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން ކައުރޯ މިޓޯމާ ބްރައިޓަންއަށް އަނެއްކާވެސް އެއްވަރުކޮށްދިން އިރު، އެޓީމު މޮޅުވި ގޯލު ޖެހީ ޖެކް ހިންޝެލްވުޑެވެ.