ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ބޮޑުކޮށްދިނުމަށް ކެޔޮޅުން ރައީސްގެ އަރިހުގައި އެދިއްޖެއެވެ.
ރައީސް މިއަދު ވަނީ ރައީސް އޮފީހުގައި ކެޔޮޅުންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުން އަޑުއައްސަވައިފައެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ކެޔޮޅުން ވަނީ މީގެ ކުރިން ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަން ކޮށްދެއްވަމުން ގެންދަވާތީ އެކަން ފާހަގަކޮށްފައި ކަމަށެވެ. އަދި 48 ގަޑިއިރު ތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން އައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން އެ ކެޔޮޅުން ފާހަގަ ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"މިއަދުގެ ބައްދަލުކުރެއްވުމުގައި، ކެއުޅުންގެ ފަރާތުން އެންމެ ބޮޑަށް އެދިވަޑައިގެންނެވީ މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށް ދެއްވުމަށެވެ. އަދި ފަސޭހަކަމާ އެކު މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދެއްވުމަށާއި މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާ ގޮތަށް ބަދަލުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދެއްވުމަށާއި މަސްކިރާ ލޮކޭޝަން އިތުރުކޮށްދެއްވައި، ދުވަހުން ދުވަހަށް ކިރާ މަހަށް އަގު ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ،" ރައީސް އޮފީހުން ބުންޏެވެ.
ކެޔޮޅުން އެދުނު ގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައިސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާ ކަމަށާއި މަސްވެރިކަމުގެ މުޅި ސިނާއަތް ޑިޖިޓަލައިޒްކުރުމަކީ ސަރުކާރުގެ އަމާޒެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ބޭންކު ލޯން މިހާރު ފެށިފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ފާހަގަކުރެއްވި އައިސް ޕްލާންޓް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށްގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު