ދުނިޔޭގެ ބެޑްމިންޓަން މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ސަސްޕެންޑް ކޮށްފައި ވަނީ ދައުރު ހަމަވެފައި އޮތް ހިންގާ ކޮމިޓީގެ ބޮޑު އިހުމާލަކުން ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ބީޑަބްލިއުއެފްއިން ރާއްޖޭގެ އެސޯސިއޭޝަން ސަސްޕެންޑް ކުރީ ހުކުރު ދުވަހު ފޮނުވި ސިޓީއެއްގައި ކަމަށް "ވަން ސްޕޯޓްސް"އަށް ވަނީ އެނގިފައެވެ.

އެ ސިޓީއާ ހަމައަށް އެސޯސިއޭޝަން ދިޔައީ އެތައް ކަމެއް ހިނގައިގެންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތު ގޯހުން ގޯހަށް ގޮސް، އިންތިހާބެއް ނުބޭއްވި އެތައް ދުވަހެއް ވަނީ ވޭތުވެ ގޮސްފައެވެ. މިދިޔަ އަހަރު މާޗު މަހުގެ 11 ވަނަ ދުވަހަށް އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާ އިރު، އިންތިހާބެއް ނުބޭއްވި މިހާރު ވަނީ އަހަރެއް ވެފައެވެ.

އޭގެ އިތުރުން އެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށް ބަދަލު ގެންނަންވެސް ކޮމިޝަނާ އޮފް ސްޕޯޓްސްއިން އަންގާފައިވެއެވެ. އެއީ އިންތިހާބަށް ނުފޫޒު ފޯރުވޭނެ މަގުތައް، އަސާސީ ގަވާއިދުގައިވާ ކަމަށް ފާހަގަކޮށެވެ. އޭގެ އިތުރުން އެސޯސިއޭޝަނުގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީންވެސް ބަލަމުންދާ އިރު، އެކި މައްސަލަތަކުގައި ކޯޓަށްވެސް އެސޯސިއޭޝަނުން ގޮސްފައިވެއެވެ.

މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ކުރެއްވި ބައެއް މަސައްކަތްތަކުގެ ތެރެއިން އެސޯސިއޭޝަންގެ ހިންގުން އެ އިދާރާގެ މުއައްސިސް، ސްޕޯޓްސް ކައުންސިލާ ހަވާލުކުރަންވެސް ކުރިން ނިންމިއެވެ.

އެ މައްސަލައިގައި ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނަށް، އެސޯސިއޭޝަނުން ދިން މައުލޫމާތަށް ދުނިޔޭގެ ފެޑަރޭޝަނުންވެސް ވަނީ ރާއްޖޭގެ ބެޑްމިންޓަން ސަސްޕެންޑް ކުރާނެ ކަމަށް އަންގައިފައެވެ. އެ މައުލޫމާތުތައް ބީޑަބްލިޔުއެފްއަށް ދިނީ މުއްދަތު ހަމަވުމަށްފަހުވެސް އެކްސްކޯގައި ތިބި ބައެއް މެމްބަރުންނެވެ.

އެކަމުގައި ފަހުން ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި އޮލިމްޕިކްސް ކޮމިޓީ އެކުވެގެންވެސް ބީޑަބްލިޔުއެފްގެ ބަހަކަށް މަސައްކަތް ކުރި ނަމަވެސް، އެކަމުގައި ކުރިއެރުން ނުލިބުނެވެ.

އެހިސާބުން ބީއޭއެމްގެ ގައުމީ ހައިސިއްޔަތު ވަގުތީ ގޮތުން ނަގާފައިވާ ކަަމަށް ސްޕޯޓްސް މިނިސްޓްރީން މިހާރު ވަނީ އަންގައިފައެވެ.

މައްސަލައަށް ހައްލެއް ހޯދުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ނިންމާ، އެ ކޮމިޓީ ވަނީ މިހާރު އެކުލަވާލައިފައެވެ.

އެޑް ހޮކް ކޮމިޓީގައި ހިމެނެނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު މުންތަގިމް (މުންތޭ)، ބެޑްމިންޓަން ކޮމިއުނިޓީގެ ފަރާތުން، އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަދި، މިނިވަން ގާނޫނީ ވަކީލެއްގެ ގޮތުގައި އައިމިނަތު ޝަރީފެވެ.

އެހިސާބަށް ދިޔައީ ކުރިން އިންތިހާބުވެފައިވާ ހިންގާ ކޮމިޓީން ގޮތް ދޫނުކޮށް، އިންތިހާބަކަށް ރަނގަޅު ގޮތުގައި ފުރުސަތު ނުދިނުމުމުންނެވެ. އަދި އެ ހިންގާ ކޮމިޓީން ބީޑަބްލިއުއެފްއަށް ދިން މައުލޫމާތުވެސް ގޯސްވެފައި އޮތުމުންނެވެ.

އެ ހާލަތުގައި ކަންކަން އޮތުމުން، އެސޯސިއޭޝަން ސަސްޕެންޑްވުން އެއީ ހައިރާންވި ކަމެއް ނޫން ކަމަށް ތޮލާލް ވިދާޅުވިއެވެ.

"ބީޑަބްލިއުއެފް އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރުން އެއީ ސަޕްރައިޒެއް ނޫން، އެކަން އެގޮތަށް ކޮށްފާނެ ކަމަށް ވިސްނިފަ އޮތީ. ސަސްޕެންޑްކޮށް ފޮނުވި ސިޓީން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ކަމަކީ ނިމިދިޔަ ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ މެންބަރަކު އެޑްހޮކް ކޮމިޓީގައި ހިމެނިފައި ނުވުން. އެންމެ ފަހުގެ ދައުރު ހަމަވެފައިވާ އެކްސްކޯގެ މެންބަރުންގެ އެއްބާރުލުން ހޯދަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ވަރަށް ގިނަ މަސައްކަތްތައް ކުރި. ބީޑަބްލިއުއެފްއާއެކު އެއްބަސްވެވުނު ފަސް މެންބަރުންގެ އެޑް ހޮކް ކޮމިޓީ އެކުލަވާނުލެވި އެމްއޯސީން އެކޮމިޓީން ވަކިވިކަން އަންގާފަ ވަނީވެސް ދައުރު ހަމަވެފައިވާ އެންމެފަހުގެ އިންތިހާބީ އެކްސްކޯގެ އެއްބާރުލުން ނުލިބި ކޮމިޓީގެ ކަންކަން އިންތިޒާމު ކުރުމުގަ ދުވަސް ނަގައި، ކަންކަން ދިގުލައިގެންދާތީ،" ތޮލާލް މީޑިއާއަށް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ އެ އެސޯސިއޭޝަނަށް ދީފައިވާ ގައުމީ ހައިސިއްޔަތު އާ ހިންގާ ކޮމިޓީ އިންތިހާބު ކުރެވެންދެން ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައި ވަނީ އެހެންވެގެން ކަމަށެވެ. އަދި މިވަގުުތު އަނެއްކާވެސް ކަންކަން ހައްލުކުރަން ކުރަން އޮތް މަސައްކަތަކީ އެޑް ހޮކް ކޮމިޓީގައި މުއްދަތު ހަމަވެފައިވާ ހިންގާ ކޮމިޓީން ބޭފުޅަކު ބައިވެރިކުރުމަށް މަސައްކަތް ކުރުން ކަމަށްވެސް ތޮލާލް ފާހަގަކުރެއްވިއެވެ.

"މީގަ ދެން އިތުރަށް ކުރަން އޮތް ކަމަކީ އަނެއްކާވެސް އެމްއޯސީން އެކުލަވާލާފައިވާ 3 މެންބަރުންގެ އެޑް ހޮކް ކޮމިޓީގައި އެންމެ ފަހުގެ ދައުރު ހަމަވެފައިވާ އިންތިހާބީ އެކްސްކޯގެ ބައިވެރިވުން ހޯދުމަށް މަސައްކަތް ކުރުން. އެކޮމިޓީގައި އެކްސްކޯގެ މެންބަރަކު ހިމެނުމަށް އިއުތިރާޒެއް ނުކުރަން. އެހެންނަމަވެސް، އެގޮތުުން ކުރެވޭ މަސައްކަތުގައިވެސް އެ އެކްސްކޯގެ މެންބަރުންގެ އެއްބާރުލުން ނުލިބޭނަމަ، އަޅުގަނޑުމެންގެ ނިންމުމާ އެއްގޮތަށް ކުރިއަށް ގޮސް އާ އެކްސްކޯ އިންތިހާބު ކުރުން ކުރިއަށް ގެންދާނީ،" ތޮލާލް ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ބީޑަބްލިއުއެފް އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރުމަށް ފޮނުވި ސިޓީ ކިޔާލުމުން އެސިޓީން އެންމެ ބޮޑަށް ދޭހަވާ އެއްކަމަކީ އެންމެ ފަހުން އިންތިހާބު ކުރެވި، ދައުރު ހަމަވެފައިވާ އެކްސްކޯގެ މެންބަރުންގެ އިހުމާލުތައް ކަމަށެވެ. ސަސްޕެންޝަނާ ހަމައަށް ދާން ޖެހުނީ އެ އެކްސްކޯގެ ކަންކަން ހުރި ގޮތުން ކަމަށްވެސް ތޮލާލް ފާހަގަކުރެއްވިއެވެ.

"ކުޅިވަރަށް ޚާއްސަކޮށް ބެޑްމިންޓަނަށް ހެޔޮ އެދޭނަމަ، އަދި ރާއްޖެއަށް ރީތި ނަން ލިބެން އެބޭފުޅުން އެދޭނަމަ، މިހާރު އޮންނާނީ މިކަން ނިމިފަ. އެހެންނަމަވެސް އެބޭފުޅުން އެގޮތަށް ބޭނުން ނުވާތީ، މިއަދު މިހާ ހިސާބަށް ދާން މިޖެހުނީ. އަދިވެސް ދޫ ދޭންޖެހޭ ތަންތާ ދޫދީގެންވެސް މިކުޅިވަރުގައި މިހުރި މައްސަލަތައް ހައްލުކޮށް، ކުރިއަށް ދިއުމަކީ އަޅުގަނޑުމެންގެ އަމާޒު،" ތޮލާލް ފާހަގަކުރެއްވިއެވެ.

ތޮލާލް އިތުރަށް ވިދާޅުވީ ބީޑަބްލިއުއެފްގެ ސަސްޕެންޝަނަކީ ބެޑްމިންޓަންގެ ހާލަތުން އަރައިގަތުމަށް މުހިއްމު ނިންމުމެއް ކަމަށެވެ.