ދުނިޔޭގެ ބެޑްމިންޓަން މައި އިދާރާ، ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ސަސްޕެންޑް ކޮށްފައި އޮތް އޮތުން ހައްލުކޮށް، އެކަމަށް ހައްލެއް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނެފިއެވެ.

ބީޑަބްލިއުއެފްއިން ރާއްޖޭގެ އެސޯސިއޭޝަން ސަސްޕެންޑް ކުރީ ހުކުރު ދުވަހު ފޮނުވި ސިޓީއެއްގައި ކަމަށް "ވަން ސްޕޯޓްސް"އަށް ވަނީ އެނގިފައެވެ.

ސަސްޕެންޝަނުގެ މައްސަލައިގައި އޮލިމްޕިކް ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނީ މައްސަލައިގެ ހައްލެއް ހޯދުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި އެތުލީޓުންނާއި ބެޑްމިންޓަން އާއިލާއަށް ގެއްލުން ނުވާނެ ގޮތަކަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

އޭގެ އިތުރުން ބަޔާނުގައި ބުނީ އެކަން ހައްލު ކުރުމަށް ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާކޮށް، ބީޑަބްލިއުއެފްއާވެސް މަޝްވަރާ ކުރަމުން ދާ ކަމަށެވެ.

ބީއޭއެމްގެ ސަސްޕެންޝަނުގެ ފަސް މަންޒަރު

ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތު ގޯހުން ގޯހަށް ގޮސް، އިންތިހާބެއް ނުބޭއްވި އެތައް ދުވަހެއް ވަނީ ވޭތުވެ ގޮސްފައެވެ. މިދިޔަ އަހަރު މާޗު މަހުގެ 11 ވަނަ ދުވަހަށް އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާ އިރު، އިންތިހާބެއް ނުބޭއްވި މިހާރު ވަނީ އަހަރެއް ވެފައެވެ.

އޭގެ އިތުރުން އެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށް ބަދަލު ގެންނަންވެސް ކޮމިޝަނާ އޮފް ސްޕޯޓްސްއިން އަންގާފައިވެއެވެ. އެއީ އިންތިހާބަށް ނުފޫޒު ފޯރުވޭނެ މަގުތައް، އަސާސީ ގަވާއިދުގައިވާ ކަމަށް ފާހަގަކޮށެވެ. އޭގެ އިތުރުން އެސޯސިއޭޝަނުގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީންވެސް ބަލަމުންދާ އިރު، އެކި މައްސަލަތަކުގައި ކޯޓަށްވެސް އެސޯސިއޭޝަނުން ގޮސްފައިވެއެވެ.

މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ކުރެއްވި ބައެއް މަސައްކަތްތަކުގެ ތެރެއިން އެސޯސިއޭޝަންގެ ހިންގުން އެ އިދާރާގެ މުއައްސިސް، ސްޕޯޓްސް ކައުންސިލާ ހަވާލުކުރަންވެސް ކުރިން ނިންމިއެވެ.

އެ މައްސަލައިގައި ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނަށް، އެސޯސިއޭޝަނުން ދިން މައުލޫމާތަށް ދުނިޔޭގެ ފެޑަރޭޝަނުންވެސް ވަނީ ރާއްޖޭގެ ބެޑްމިންޓަން ސަސްޕެންޑް ކުރާނެ ކަމަށް އަންގައިފައެވެ. އެ މައުލޫމާތުތައް ބީޑަބްލިޔުއެފްއަށް ދިނީ މުއްދަތު ހަމަވުމަށްފަހުވެސް އެކްސްކޯގައި ތިބި ބައެއް މެމްބަރުންނެވެ.

އެކަމުގައި ފަހުން ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި އޮލިމްޕިކްސް ކޮމިޓީ އެކުވެގެންވެސް ބީޑަބްލިޔުއެފްގެ ބަހަކަށް މަސައްކަތް ކުރި ނަމަވެސް، އެކަމުގައި ކުރިއެރުން ނުލިބުނެވެ.

އެހިސާބުން ބީއޭއެމްގެ ގައުމީ ހައިސިއްޔަތު ވަގުތީ ގޮތުން ނަގާފައިވާ ކަަމަށް ސްޕޯޓްސް މިނިސްޓްރީން މިހާރު ވަނީ އަންގައިފައެވެ.

މައްސަލައަށް ހައްލެއް ހޯދުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ނިންމާ، އެ ކޮމިޓީ ވަނީ މިހާރު އެކުލަވާލައިފައެވެ.

އެޑް ހޮކް ކޮމިޓީގައި ހިމެނެނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު މުންތަގިމް (މުންތޭ)، ބެޑްމިންޓަން ކޮމިއުނިޓީގެ ފަރާތުން، އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަދި، މިނިވަން ގާނޫނީ ވަކީލެއްގެ ގޮތުގައި އައިމިނަތު ޝަރީފެވެ.

އެ ކޮމިޓީ މިއަދު ބައްދަލުކުރަން ނިންމާފައި އޮއްވާ، ބީޑަބްލިއުއެފްއިން ރާއްޖެ ސަސްޕެންޑް ކުރީ ހުކުރު ދުވަހު ފޮނުވި ސިޓީއެއްގައެވެ. އެހެން ނަމަވެސް ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަން ބީއޭއެމްއިން ވަނީ ނިންމައިފައެވެ.

އެ ސިޓީގައި ވަނީ އެޑް ހޮކް ކޮމިޓީގެ ސަބަބުން އެސޯސިއޭޝަނަށް ނުފޫޒު ވަންނަ ކަމަށް ބަޔާން ކޮށްފައެވެ.