ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން ވަކިވުމާ ހަމައަށް ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް އަށް މުސާރަ ދީފައިވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ޑިވެލޮޕްމަންޓް ބޭންކްގެ ސީއީއޯގެ މަގާމަށް ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ހަމަޖެއްސީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
ނޮއެލް ގްރެގާއަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތްތައް ނުލިބިގެން އޭނާ ވަނީ އެމްޕްލޯއިމެންޓް ޓްރައިބިއުނަލަށް މިދިޔަ މަހުގެ ހަތްވަނަ ދުވަހު މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން މި މަހުގެ ހަތް ވަނަ ދުވަހު ވަނީ އެ މައްސަލަ ބާތިލުކޮޮށްފައެވެ. ޓްރައިބިއުނަލް އިން އެ މައްސަލަ ބާތިލު ކުރީ އޭނާއަކީ ދިވެހި ބަހުން ވާހަކަ ދެއްކޭނެ މީހަކަށް ނުވާތީ، ތަރުޖަމާނަކު އައްޔަން ކުރުމަށް ދިން ފުރުސަތުގައި ތަރުޖަމާނަކު އައްޔަނުކޮށްފައި ނުވާތީއެވެ.
ޑީބީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޮއެލް، އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މުސާރަ ނުދީގެން ކަމަށް ނުދެކޭ ކަމަށެވެ. އޭނާ މަގާމުން ވަކިވުމާ ހަމައަށް އޭނާއަށް ހައްގުވާ މުސާރަ ފުރިހަމައަށް ދީފައިވާނެ ކަމަށް ޑީބީއެމުން ބުންޏެވެ.
ނޮއެލް މަގާމުން އިސްތިއުފާ ދެއްވުމުގެ ދުވަސްކޮޅެއް ކުރުން ވަނީ ރާއްޖެ ދޫކޮށް ވަޑައިގެންފައި ކަމަށް ޑީބީއެމުން ބުންޏެވެ. ނޮއެލް އިސްތިއުފާ ހުށަހެޅުއްވުމަށް ފަހު ބޭންކްގެ ވަޒީފާގައި އެއްވެސް ދައުރެއް އަދާ ނުކުރައްވާ ކަމަށް ޑީބީއެމުން ބުންޏެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް ނޮއެލް އިސްތިއުފާ ހުށަހެޅުއްވީ މިއަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު ކަމަށާއި ޕީސީބީން ވަނީ އެ ތާރީހުން ފެށިގެން ނޮއެލްގެ އިސްތިއުފާ ބަލައިގަތްކަން އެ މަހުގެ 23 ވަނަ ދުވަހު ބޭންކުގެ ބޯޑަށާއި ނޮއެލްއަށް އަންގާފައި ކަމަށް ޑީބީއެމުން ބުންޏެވެ.
މުހައްމަދު އިޝާން
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް