ބޭންކިން ވިޔަފާރި ފަށަން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް ހުއްދަ ދީފިއެވެ.

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބޭންކުން ބޭންކިން ވިޔަފާރި ފެށުމަށްޓަކައި ބޭނުންވާ ހުއްދަ މިއަދު ދޫކޮށްފައިވާ ކަމަށެވެ.

މި ބޭންކުގެ ހިދުމަތް ފެށުމުން، ދިގު މުއްދަތުގެ މާލީ އެހީތެރިކަން ހޯދުމަށް މަގުފަހިވެ ރާއްޖޭގެ އިގުތިސޯދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށް އެ އޮތޯރިޓީން ގަބޫލުކުރާ ކަމަށެވެ.

އަދި މިއީ ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް އެ ބޭންކަށް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 2024 ގައެވެ.

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަކީ ސައްތައިންސައްތަ ދިވެހި ސަރުކާރު ހިއްސާވާ ބޭންކެކެވެ.