ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނުކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ޑިވެލޮޕްމަންޓް ބޭންކުގެ ބޯޑަށް ހަތަރު މެންބަރަކު އައްޔަނުކުރީ އިއްޔެ ކަމަށެވެ.

ޑިވެލޮޕްމަންޓު ބޭންކްގެ ބޯޑަށް އައްޔަނުކުރި ބޭފުޅުން:

  • މއ. މާފުނަ، ހަސަން މިރާސް
  • މ. ލަންސިމޫގެ، އަހުމަދު އަޒްޔާން ހަމީދު
  • ދ. ކުޑަހުވަދޫ، ތިކުރީތު، މައީޝާ އިބްރާހިމް
  • ގދ. ރަތަފަންދޫ، ޗަބޭލީވިލާ، އަޒްމީން ރަޝީދު

ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސްގެ ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޑިވެލޮޕްލަމަންޓް ބޭންކެވެ.

އެ ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދި ބޭންކެކެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ބޭންކުގެ ހިދުމަތް ފެށުމުން، އިގުތިސާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށާއި އެ ބޭންކު ހުޅުވުމަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް، ޑިވެލޮޕްމަންޓް ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިނީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުއެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަނަކީ އަރޫނީ ގޫނަތިލަކައެވެ. އަރޫނީ ގޫނަތިލަކަ އަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވަނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓުތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ހާއްސަވެފައިވާ ބައިނަލްއަގުވާމީ ފިނޭންޝަލް މާކެޓްގެ ފިނޭންޝަލް ސާވިސް ތަޖުރިބާކާރެކެވެ. އަރޫނީ ގޫނަތިލަކަ އަކީ ހާވާޑް ޔުނިވާސިޓީން މާސްޓާ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ޑިވެލޮޕްމަންޓް ބޭންކުގެ ފުރަތަމަ ސީއީއޯއަކީ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް އެވެ. ނަމަވެސް އޭނާ ވަނީ މިދިޔަ މާޗު މަހުގެ ތެރޭގައި އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.