ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމް)ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އަރޫނީ މަގާމުން އިސްތިއުފާދެއްވިކަން މޯލްޑިވްސް ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކަށަވަރުކޮށްދެއްވި ނަމަވެސް އިސްތިއުފާދެއްވި ސަބަބެއް ހާމައެއް ނުކުރެ އެވެ. އަރޫނީ މަގާމުން އިސްތިއުފާދެއްވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

އަރޫނީ ގޫނަތިލަކަ އަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވަނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓުތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ހާއްސަވެފައިވާ ބައިނަލްއަގުވާމީ ފިނޭންޝަލް މާކެޓްގެ ފިނޭންޝަލް ސާވިސް ތަޖުރިބާކާރެކެވެ. އަރޫނީ ގޫނަތިލަކަ އަކީ ހާވާޑް ޔުނިވާސިޓީން މާސްޓާ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް އެ ބޭންކަށް ދޫކޮށްފައިވަނީ 13 އޮކްޓޫބަރު 2024 ގައެވެ.

ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސްގެ ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޑިވެލޮޕްލަމަންޓް ބޭންކެވެ.

އެ ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދި ބޭންކެކެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ބޭންކުގެ ހިދުމަތް ފެށުމުން، އިގުތިސާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގެ ހިދުމަތް ރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމަށާއި އެ ބޭންކު ހުޅުވުމަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.21