މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ބޮންޑެޓް ވެއާހައުސްއިން ސިނގިރޭޓް ގެއްލުނު މައްސަލައިގައި ހައްޔަރު ކުރި މީހުން ދޫކޮށްލައިފިއެވެ.

ފުލުހުން މިމަހުގެ ހަވަނަ ދުވަހު މީޑިއާތަކަށް ބުނެފައިވަނީ ގިނަ އަަދަދެއްގެ ސިނގިރޭޓް ކާޓަންތަކެއް ހުރި ކަޅު ތިން ކޮތަޅު މަގުމައްޗަށް ދޫކޮށްލައި ބޮޑުރަސްގެފާނު މަގުން ފުލުހުންނަށް ފިލި ޕިކަޕެއްގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

އެ ކޮތަޅުތަކުން 221 އަށް ވުރެ ގިނަ ސިނގިރޭޓް ކާޓަން ފެނުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގުލަދޭޝްގެ ތިން ރައްޔިތެއް ކަމަށްވާ ރެޒައުލް ހައްގު (39އ) އެމްޑީ މަންނާން މޮންޑޮލް (43އ) އަދި މުހައްމަދު ސުލައިމާން، (42އ) އެވެ.

އެ ތިން މީހުންނަކީ އިމިގްރޭޝަންގެ ގާނޫނާ އެއްގޮތަށް ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ ބައެއް ކަމަށާއި އެ މީހުން މަސައްކަތް ކުރަމުންދަނީ "ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް" ނަމަކަށް ކިޔާ ކުންފުންޏެއްގައެވެ.

އެ ތިން ބަންދާ މެދު ގޮތެއް ނިންމުމަށް މިމަހު 10 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށް ފުލުހުން ބުނެފައިވަނީ އެ މީހުން ގެންގުޅުނު އެ ސިނގިރޭޓްތަކަކީ ކަސްޓަމްސްއިން ބޮންޑެޑް ވެއާހައުސެއް ގޮތުގައި ބޭނުންކުރާ ގުދަނަކުން ގެއްލިފައިވާ ތަކެތިކަން ތަހުގީގަށް އެނގިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދަނީ ޖިނާއީ ބޮޑު މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ މީހުންގެ ބަންދު މުރާޖާ ކުރުމަށް ފުލުހުން މިދިޔަ ހުކުރު ދުވަހު އެ މީހުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން އަމުރުކުރީ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު އެ ތިން މީހުން ބަންދުން ދޫކޮށްލުމަށެވެ.

އެ މީހުން ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކުރީ ތުހުމަތުކޮށްފައިވަނީ ވަގަށް ނަގާފައިވާ ސިނގިރޭޓުތަކެއް ގެންގުޅުނު ކަމަށް މައްސަލައެއް ނަމަވެސް އެ މީހުން ބަންދުގައި ތިބޭތާ 10 ދުވަހަށްވުރެ ގިނަ ދުވަސްވީ އިރު، އެ ސިނގިރޭޓުތަކެއް ގެއްލިގެން އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯޓް ކޮށްފައިނުވާތީ ކަމަށެވެ.