އެފްއޭ ކަޕް ހަތް ފަހަރު ކާމިޔާބުކޮށްފައިވާ މެންޗެސްޓާ ސިޓީގެ މައްޗަށް ކުރި ހޯދައި، ކްރިސްޓަލް ޕެލެސްއިން އެފްއޭ ކަޕް ކާމިޔާބު ކޮށްފިއެވެ.
މިރޭ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ޕެލެސްއިން ސިޓީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ޕެލެސްއިން އިނގިރޭސި އެންމެ މަތީ ލެވެލްގެ މުބާރާތަކުން ޕެލެސްއަށް ލިބުނު ފުރަތަމަ ތަށްޓެވެ. މީގެ ކުރިން އެޓީމުން ދަށް ޑިވިޝަންތަކުގެ ލީގުތައް ހޯދާފައިވާ އިރު، މިއަހަރުގެ ކުރިން އެފްއޭ ކަޕްގެ ފައިނަލުގައި ކުޅުނީ 1989-90 ވަނަ އަހަރު ސީޒަނުގެ އިތުރުން 2015-16 ވަނަ އަހަރު ސީޒަނުގައެވެ.
މި ސީޒަނުގެ އެފްއޭ ކަޕްގެ ތަށްޓާއެކު ޕެލެސްއަށް ވަނީ ޔޫއެފާ ޔޫރޮޕާ ލީގުންވެސް ޖާގައެއް ލިބިފައެވެ.
ސިޓީއަށް މިއީ ހުސް އަތާ ނިންމާލަން ޖެހުނު ސީޒަނެކެވެ. މިއީ އެޓީމުގެ ކޯޗުކަމާ ޕެޕް ގާޑިއޯލާ ހަވާލުވިފަހުން، ހުސް އަތާ ނިންމާލަން ޖެހުނު ފުރަތަމަ ސީޒަނެވެ. އެއީ 2016-17 ވަނަ އަހަރު ސީޒަނަށްފަހުއެވެ.
ވެމްބްލީގައި ގިނަ ބަޔަކު ހައިރާން ކޮށްލި ގޯލު މެޗުގެ 16 ވަނަ މިނެޓުގައި ޕެލެސްއަށް ޖަހައިދިނީ އެބްރެޗީ އެޒޭއެވެ. އެޒޭ އެ ގޯލު ޖެހީ ކައުންޓާއެއްގައި ޑެނިއަލް މުނޯޒް ނަގައިދިން ބޯޅައެއްގައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސިޓީ ވަނީ ރެފްރީގެ ނިންމުމަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ޕެލެސްގެ ކީޕަރު ޑީން ހެންޑަސަން އޭރިއާ ބޭރުން ބޯޅައިގައި އަތް ޖެއްސުމުން، އެކަން ހިނގިގޮތް ވީއޭއާރުން ބަލައި ރެފްރީ ނިންމީ ރީނދޫ ކާޑަކުން ފުއްދާލާށެވެ.
ހެންޑަސަން ބޯޅައިގައި އަތް ޖެއްސީ އާލިން ހާލަންޑްގެ ޕްރެޝަރާއެކު އޭނާއަށް ގޯލު ޖެހިޔަ ނުދޭން ނަމަވެސް، ރެފްރީ ނިންމީ އެ ބޯޅައިގައި ހާލަންޑަށް ގޯލު ޖެހޭނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
ހެންޑަސަން ރީނދޫ ކާޑަކުން ސަލާމަތްވެފައިވާ އިރު، ބާކީ ބައިގައި ޕެލެސްގެ ހީރޯއަކީވެސް އޭނާއެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ސިޓީގެ އޮމަރު މަރްމޫޝް ޖެހި ޕެނަލްޓީވެސް ހެންޑަސަން މަތަކޮށްފައިވާ އިރު، ދެވަނަ ހާފުގައި ހާލަންޑާއި ޖޮސްކޯ ގްވާޑިއޯލާ އަދި ޖެރަމީ ޑޮކޫގެ ހަމަލާތައްވެސް މަތަކުރީ ހެންޑަސަންއެވެ.
އޭގެ އިތުރުންވެސް ކްލައުޑިއޯ އެޗެވެރި ބަދަލަކަށް އަރައި އުފެއްދި ހަމަލާވެސް ހެންޑަސަން މަތަކުރި އިރު، މެޗުގެ ފަހު ކަށިގަނޑާއެކު ޕެލެސްގެ ސަޕޯޓަރުންނާއި ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ.
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް
އިނގިރޭސި އެފްއޭ ކަޕް