"ދަ ގާޑަންސް" ފްލެޓް ޕްރޮޖެކްޓު މައްސަލައިގައި، ޖާހް އިންވެސްްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި ސޮލަރެންސް އިންޝުއަރެންސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް، ނެރެދިނުމަށް އެދުނު އަމުރެއް ސިވިލް ކޯޓަކުން ނެރެނުދިނެވެ.
ހުޅުމާލޭގައި މިކްސްޑް ޔޫސްޑް ރެސިޑެންޝަލް ކޮމްލެކްސްއެއް ތަރައްގީކުރުމަށް، ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު އެޗްޑީސީން ސޮއިކުރީ 15 ޖެނުއަރީ 2017 ގައެވެ.
ސައުވީސް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް އެޗްޑީސީން ޖާހުއާ މަސައްކަތް ހަވާލުުކުރުމަށްފަހު އެ މުއްދަތު އަށެއް އޮކްޓޯބަރު، 2020 އަށް އިތުރުކުރިއެވެ. އޭގެ ފަހުން 30 އޭޕްރީލް 2021 އާ ހަމައަށް އަދި އޭގެ ފަހުން 31 އޮކްޓޯބަރު 2022 އަށް އަދި 31 ޑިސެމްބަރު 2022 އަށް މުއްދަތު އިތުރުކުރިއެވެ. އެއަށްފަހު މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު ޖާހުއާއެކު ހަދާފައިވާ އެގްރީމެންޓް ބާތިލުކުރުމަށް އެޗްޑީސީން ވަނީ ނޯޓިސް ފޮނުވައިފައެވެ.
ޖާހުގެ ފަރާތުން އެ މައްސަލައިގައި އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ވަނީ ދައުވާކޮށްފައެވެ.
އެ ދައުވާއާ ގުޅިގެން އެ ދެ ކުންފުނީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ޖާހް އިން ވަނީ ސިވިލްކޯޓަށް ހުށަހަޅައިފައެވެ.
އެގޮތުން އެ މައްސަލައިގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ނުވަތަ ކޯޓުން އެނޫން ގޮތަކަަށް އަމުރުކުރަންދެން، ޕާފޯމަންސް ބޮންޑުގެ ދަށުން އެއްވެސް ފައިސާއެއް އެޗްޑީސީއަށް ދޫނުކުރުމަށާއި ޖާހުގެ ކިބައިން ފައިސާ ހޯދުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، އަދި ޕާފޯމަންސް ބޮންޑާ ގުޅެގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް އެޗްޑީސީ އާއި ސޮލަރެންސް އިންޝުއަރެންސްގެ މައްޗަށް ގައިރު ހާޒިރުގައި އަމުރުކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށް ވަނި އެދިފައެވެ.
އެ މައްސަލަ ބެލުމަށްފަހު ސިވިލްކޯޓުން ކުރި ހުކުމްގައި ވަނީ، ޖާހް އިން ހުށަހަޅާފައިވާގޮތުގެ މަތިން އެ ދެ ކުންފުނީގެ މައްޗަށް، ވަގުތީ އަމުރެއް ނެރެދޭންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާ ކަމަށެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް