ރާއްޖެއިން ހައްޖަށް ދާ ހައްޖުވެރިންނަށް މުޅިން އަލަށް ތައާރަފުކުރާ "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ހިދުމަތް ދިނުމުގެ ސައުދީ އަރަބިއްޔާގެ އިސް ވަފުދެއް ރާއްޖެ ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މިއަދު ރާއްޖެ ވަޑައިގަތް އެ ވަފުދަކީ "މައްކާ ރޫޓް އިނީޝިއޭޓިވް"ގެ ހިދުމަތް ދިނުމުގެ މަސައްކަތުގެ އެޑްވާންސް ޓީމު ކަމަށެވެ. އެ ވަފުދު ރާއްޖެ ވަޑައިގަތުމުން ވަފުދަށް މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން މިނިސްޓްރީގެ އޮފިޝަލުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެ ވަފުދުގައި ސައުދީގެ ހައްޖު މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީގެ ފޮރިން މިނިސްޓްރީގެ ބޭފުޅުންނާއި ސައުދީ އިމިގްރޭޝަންގެ ބޭފުޅުންގެ އިތުރުން ކަމާބެހޭ އެހެން މުއައްސަސާތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

"މައްކާ ރޫޓު އިނީޝިއޭޓިވް" ރާއްޖޭގައި ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތް އެ ވަފުދުގެ ބޭފުޅުން ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ "މައްކާ ރޫޓް އިނީޝިއޭޓިވް" ރާއްޖޭގައި ފެށުމަށް ހަމަޖެހިފައި ވަނީ މި އަހަރު ރާއްޖެއިން ހައްޖަށް ދާ ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފުލައިޓް ފުރާ ދުވަސް ކަމަށްވާ މި މަހުގެ 26 ވަނަ ދުވަހު ކަމަށެވެ. "މައްކާ ރޫޓް އިނީޝިއޭޓިވް" ރާއްޖޭގައި ތައާރަފު ކުރާނީ އެ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ކަމަށް މިނިސްޓްރީން ބުންޏެވެ.

"މައްކާ ރޫޓު އިނީޝިއޭޓިވް"ގައި ރާއްޖެ ހިމަނަން ނިންމީ މި މަހުގެ 10 ވަނަ ދުވަހުއެވެ.