ސާފް 19 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ބަލިކޮށް، އިންޑިއާއިން ފައިނަލަށް ދަތުރު ކޮށްފިއެވެ.
އިންޑިއާގެ ޔޫޕިއާގެ ގޯލްޑަން ޖުބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އިންޑިއާއިން ރާއްޖެ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މިއީ ރާއްޖެއިން ސާފްގެ 19 އަހަރުން ދަށުގެ ސެމީގައި ކުޅުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2019 ވަނަ އަހަރުގެ ސެމީގައި ރާއްޖެއިން ބަލިވީވެސް އިންޑިއާ ކައިރިންނެވެ. އިންޑިއާއަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ 2019، 2022 އަދި 2023 ވަނަ އަހަރު ޗެމްޕިއަންކަން ހޯދައިފައެވެ.
މެޗު ވަރުގަދަކޮށް ފެށީ އިންޑިއާއިންނެވެ. އެޓީމުން ވަނީ ކުރީކޮޅުގައި ކުރިއަށް ޖެހި ރާއްޖެއަށް ނުރައްކާވެސް ކޮށްފައެވެ. އޭރިއާ ބޭރުން ރަނގަޅު ދެ ހަމަލާއެއްވެސް އިންޑިއާއިން ފޮނުވާލި އިރު، އެ ދެހަމަލާވެސް މަތަކުރީ ރާއްޖޭގެ ގޯލްކީޕަރު ޒަހްރާން ހަސަންއެވެ.
ނުރައްކާ ކުރަމުން ގޮސް، އިންޑިއާއިން ލީޑު ނެގީ 17 ވަނަ މިނެޓުގައެވެ. އަރިމަތިން ހުރަސް ވެގެން އައި ބޯޅަ، އޭރިއާ ތެރޭގައި ހުރެ ވެއްޓިގެންފާ ގޯލުގެ ތެރެއަށް ވައްދާލީ އިންޑިއާގެ ޕްރަޝާން ޖާޖޯއެވެ. އޭގެފަހުންވެސް އިންޑިއާއިން ނުރައްކާ ކުރި އިރު، ރާއްޖެއިން ބެލީ ކޮންމެވެސް ވަރަކަށް ދުރުން ހަމަލާ އުފެއްދޭތޯއެވެ. އައިދު މުހައްމަދު ޖަވީޒާއި އަހްޒަމް ރަޝީދުގެ ހަމަލާތައް ކޮންމެވެސް ވަރަކަށް ފެނުނު ނަމަވެސް، އިންޑިއާއިން ވަނީ ފުރަތަމަ ހާފުގައި ލީޑު ފުޅާވެސް ކޮށްފައެވެ.
އޭރިއާ ތެރެއިން ލިބުނު ބޯޅައެއްގައި، ރަނގަޅަށް އެނބުރާލާފައި އޮމްނަންގް ދޯދުމް ފޮނުވާލި ހަމަލާ ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.
ރާއްޖެއިން ދެވަނަ ހާފުގެ ފެށުން ރަނގަޅު ކޮށްފައިވާ އިރު، ދެވަނަ ހާފުގެ ބޮޑުބައެއްގައި ކުޅެން ޖެހުނީ ބޯ ވާރޭގައެވެ. ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުން ދަނިކޮށް، ރާއްޖެ ކޮޅަށް އިންޑިއާގެ ތިންވަނަ ގޯލުވެސް ޖެހީ އިންޑިއާގެ ފުރަތަމަ ގޯލު ޖެހި ޖޯޖާއެވެ. އޭނާ ތިރިތިރީން ޖެހި ބޯޅަ ގޯލަށް ވަނީ ކީޕަރު ޒަހްރާންގެ އަތު ތެރެއިންނެވެ.
އޭގެފަހުންވެސް ބޮޑަށް އިންޑިއާއިން މެޗު ޑޮމިނޭޓް ކުރިއެވެ. އެހެން ނަމަވެސް ރާއްޖެއިން ހިތްވަރާއެކު ކުޅެ، ބައެއް ހަމަލާތައްވެސް އުފެއްދިއެވެ. އެގޮތުން ނަސާހް އިބްރާހީމް ނަސީރު ފޮނުވާލި ހަމަލާ ނުރައްކާތެރިކޮށް ދިޔައީ ގޯލާ އަމާޒުނުވެ، ބޭރަށެވެ.
އޭގެފަހުންވެސް ރާއްޖެއިން ހިތްވަރާއެކު މަސައްކަތް ކުރި ނަމަވެސް، އިންޑިއާއިން ވަނީ ނަތީޖާ ދަމަހައްޓައި، ފައިނަލް ޔަގީން ކޮށްފައެވެ. އިންޑިއާއިން ފައިނަލުގައި ނުކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ބަންގްލަދޭޝްއާ ދެކޮޅަށެވެ. ބަންގްލަދޭޝް ފައިނަލަށް ދިޔައީ 2-1 އިން ނޭޕާލް ބަލިކޮށްފައެވެ.
މުޙައްމަދު ޝަމްޢޫން
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް