އިންޑިއާގައި ކުރިއަށްދާ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ރާއްޖެ ޖާގަ ހޯދައިފިއެވެ.
މި އަހަރުގެ 19 އަހަރުން ދަށު ސާފް ޗެމްޕިއަންޝިޕް މިއަދު އިންޑިއާގެ އަރުނާޗަލް ޕްރަދޭޝްގައި ކުރިއަށްދަނީ ޔޫޕިއާގައެވެ. މެޗުތައް ކުޅެނީ ޔޫޕިއާގެ ގޯލްޑަން ޖުބްލީ އައުޓްޑޯ ސްޓޭޑިއަމްގައެވެ.
ރާއްޖެއިން ސެމީ ޔަގީންކުރީ މިއަދު ބޫޓާން ކައިރިން 2-2 އިން އެއްވަރުކޮށް، ގްރޫޕް ސްޓޭޖު ދެމެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ. ރާއްޖެއިން ފުރަތަމަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާވެސް ފަހަތުން އަރައި އެއްވަރުކޮށްފައިވާ އިރު، ރާއްޖެއަކީ ގްރޫޕް އޭގެ ދެވަނަ ޓީމެވެ.
އެއްވަނަ ހޯދީ ބޫޓާން ކައިރިން މޮޅުވި ބަންގްލަދޭޝްއެވެ. ބަންގްލަދޭޝް އެއްވަނައިގައި އޮތީ ހަތަރު ޕޮއިންޓާއެކުގައެވެ.
އަނެއް ގްރޫޕްގެ އެއްވަނަ ހޯދީ އިންޑިއާއެވެ. މިރޭ ނޭޕާލާ ދެކޮޅަށް ކުޅެ، 4-0 އިން މޮޅުވި އިންޑިއާއާއި ރާއްޖެ ސެމީގައި ޖެހޭ އިރު، ދެވަނައިގައި އޮތީ ނޭޕާލެވެ.
ރާއްޖެއިން މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައިވެސް ސެޓް ޕީސްތަކުގައި ނުރައްކާ ކުރި ނަމަވެސް، ފުރަތަމަ ލީޑު ނެގީ ބޫޓާނުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލާމް ޓެންޒިން ޖެހި އެ ގޯލާއެކު ބޫޓާނުން ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް ދެވަނަ ހާފުގައި ރާއްޖެއަށް އެއްވަރު ކޮށްދިނީ އައިދު މުހައްމަދު ޖަވީޒެވެ.
އޭގެފަހުން ރާއްޖެއިން އިތުރު ވަގުތުގައި އައްޝަމް އިބްރާހީމް މުހައްމަދު ރާއްޖެއަށް ލީޑު ނަގައިދިން ނަމަވެސް، ބޫޓާނުގެ ޗޮގްޔެލް އެސް ޝެރަބް ވަނީ މެޗު އެއްވަރު ކޮށްފައެވެ.
ރާއްޖެއާއި އިންޑިއާ ވާދަކުރާ ސެމީ މެޗު އޮންނާނީ ހުކުރު ދުވަހުގެ ރޭ ރާއްޖެ ގަޑިން 7:00 ގައެވެ. ބަންގްލަދޭޝާއި ނޭޕާލް ސެމީވެސް އެދުވަހު އޮންނަ އިރު، އެމެޗު އޮންނާނީ މެންދުރުފަހު 3:00 ގައެވެ.
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް
ސާފް 19 އަހަރުން ދަށުގެ މުބާރާތް