ސާފް 19 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލުން ބަލިވެ، އެނބުރި ރާއްޖެ އަންނާނީ ހުސް އަތާ ނޫން ކަމަށާއި މުބާރާތުން ރާއްޖޭގެ މުސްތަގުބަލަށް އުންމީދެއް ހޯދިއްޖެ ކަމަށް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފިއެވެ.

ރާއްޖޭގެ ޒުވާން ޓީމުން މިފަހަރު މުބަރާތުގެ ސެމީ ފައިނަލުގައި ކުޅެ، ރޭ އިންޑިއާ ކައިރިން ބަލިވީ 3-0 ގެ ނަތީޖާ އަކުންނެވެ. 2019 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރަތުގެ ސެމީއަށް ގޮސްފައިވާ އިރު، ސެމީއަށް ރާއްޖެ ދިޔައީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝާ ފަހަތުން އަރައި 2-2 އިން އެއްވަރުކޮށް، ބޫޓާން ކައިރިންވެސް ޕޮއިންޓެއް ހޯދައިގެންނެވެ.

އެ ނަތީޖާތަކުން ޓީމުގެ ހިތްވަރު ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާއިރު، ކޯޗު ޝާކިއްޓެ އިންޑިއާގައި ހުރެ "ވަން ސްޕޯޓްސް" އަށް ވާހަކަ ދައްކަމުން ބުނީ ޓީމާމެދު އުފާކުރާ ކަމަށެވެ.

"ޓީމުގެ އޮވަރޯލް ޕާފޮމަންސާމެދު، އަހަރެން މި ހުރީ ވަރަށް ހިތްހަމަޖެހިފައި. އަހަރެމެން މި މުބާރާތަށް ނުކުތީ ގާތްގަނޑަކަށް މަހެއްހާ ދުވަހު ފަރިތަކޮށްފައި. އެ ތަމްރީނުތަކުގައި ހުރިހާ ކުޅުން އެވޭލަބަލްވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެހެން ފަހަރުތަކުގައި ތަމްރީނުތަކަށް ކުޅުންތެރިން ލިބުމުގައި ހުރޭ ދަތިތަކެއް. އެއީ ކްލަބުތަކުގެ ފަރިތަކުރުންތައް ހުރުމާއި ލީގު ކުރިއަށް ދިއުމާވެސް އެކު. އޭރު ބައެއް ފަހަރު 10 ވަރަކަށް ދުވަހު އެކަނި، ޓީމު ހަމަކޮށް ފަރިތަކުރަން ޖެހެނީ،" ޝާކިއްޓެ ބުންޏެވެ.

ރާއްޖެއިން ސާފް 19 އަހަރުން ދަށުގެ މުބާރާތުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ---

ޝާކިއްޓެ ބުނީ މިފަހަރު ފުލް ސްކޮޑާއެކު ގިނަ ތަމްރީނުތަކެއް ކުރުމުގެ ތަފާތު ފެނުނު ކަމަށެވެ. އެގޮތުން ކުޅުންތެރިން އެންމެ ފަހު ކަށިގަނޑާ ޖެހެންދެންވެސް ބުރަކޮށް މަސައްކަތް ކުރިތަން ފެނުނު ކަމަށާއި، އެއީ ޓީމުގެ ތެރޭގައި އޮތް ގުޅުންވެސް ރަނގަޅުވުމުން ކަމަށް ކޯޗު ފާހަގަކުރިއެވެ.

"ގިވް އަޕް ނުކުރާނެ މެންޓާލިޓީއެއްގައި ޓީމު ކުޅުނީ. އެހެންވީމަ މި ޓީމުގައި ތަފާތު ރޫހެއް އެބައޮތް،"
ޝާކިއްޓެ، ޒުވާން ޓީމުގެ ކޯޗު

ކޯޗު ޝާކިއްޓެ ބުނީ މިހާރު އޮތް ޓީމަށް ސަމާލުކަން ބޮޑުކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގެ މުސްތަގުބަލަށް އެއީ ކޮންމެހެން ކުރަން ޖެހޭނެ މަސައްކަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

"މި ޓީމު މިގޮތަށް އެކުގައި ކުޅުވާ، ދޭން ޖެހޭ ސަމާލުކަން ދީ، ސަޕޯޓް ދެވިއްޖެނަމަ އަހަރެން ގަބޫލުކުރަނީ މިއީ ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލު ކަމަށް. އެއީ އަހަރެމެންނަށް އުމުރުފުރާ މުބާރާތްތަކުގެ ފައިނަލްތަކުގައި ކުޅެވޭނެ ދުވަސް. އެ ދުވަސް ދުރަކުވެސް ނޫން އޮތީއެއް. މުބާރާތް ނިންމާލާފައި މިދަނީ ހުސް އަތަކާ ނޫން. މިއީ މުސްތަގުބަލަށް އުންމީދާއެކު ނިންމާލި މުބާރާތެއް.

ސާފް 19 އަހަރުން ދަށުގެ ކޯޗު ޝާކިރު (ޝާކިއްޓެ) --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ޝާކިއްޓެ ވަނީ މުބާރާތަށް ޓީމު ތައްޔާރުވުމުގެ އިތުރުން، އެހެނިހެން މަސައްކަތްތަކުގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ދިން އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.