ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ ހާލަތު ރަނގަޅު ކުރުމަށް ކޮމިޝަނާ އޮފް ސްޕޯޓްސް އެޑް ހޮކް ކޮމިޓީއެއް އެކުލަވާލައި، ބައްދަލުވުމެއް ބާއްވަން ތާވަލު ކޮށްފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހާލަތު ގޯހުން ގޯހަށް ގޮސް، އިންތިހާބެއް ނުބޭއްވި އެތައް ދުވަހެއް ވަނީ ވޭތުވެ ގޮސްފައެވެ. މިދިޔަ އަހަރު މާޗު މަހުގެ 11 ވަނަ ދުވަހަށް އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައިވާ އިރު، އިންތިހާބެއް ނުބޭއްވި މިހާރު ވަނީ އަހަރެއް ވެފައެވެ.
އޭގެ އިތުރުން އެސޯސިއޭޝަނުގެ ހިންގާ ގަވާއިދަށް ބަދަލު ގެންނަންވެސް ކޮމިޝަނާ އޮފް ސްޕޯޓްސްއިން އަންގާފައިވެއެވެ. އެއީ އިންތިހާބަށް ނުފޫޒު ފޯރުވޭނެ މަގުތައް، އަސާސީ ގަވާއިދުގައިވާ ކަމަށް ފާހަގަކޮށެވެ. އޭގެ އިތުރުން އެސޯސިއޭޝަނުގެ ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީންވެސް ބަލަމުންދާ އިރު، އެކި މައްސަލަތަކުގައި ކޯޓަށްވެސް އެސޯސިއޭޝަނުން ގޮސްފައިވެއެވެ.
މައްސަލަތައް ހައްލުކުރުމަށް ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ކުރެއްވި ބައެއް މަސައްކަތްތަކުގެ ތެރެއިން އެސޯސިއޭޝަންގެ ހިންގުން އެ އިދާރާގެ މުއައްސިސް، ސްޕޯޓްސް ކައުންސިލާ ހަވާލުކުރަންވެސް ކުރިން ނިންމިއެވެ.
އެ މައްސަލައިގައި ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނަށް، އެސޯސިއޭޝަނުން ދިން މައުލޫމާތަށް ދުނިޔޭގެ ފެޑަރޭޝަނުންވެސް ވަނީ ރާއްޖޭގެ ބެޑްމިންޓަން ސަސްޕެންޑް ކުރާނެ ކަމަށް އަންގައިފައެވެ. އެ މައުލޫމާތުތައް ބީޑަބްލިޔުއެފްއަށް ދިނީ މުއްދަތު ހަމަވުމަށްފަހުވެސް އެކްސްކޯގައި ތިބި ބައެއް މެމްބަރުންނެވެ.
އެކަމުގައި ފަހުން ކުޅިވަރާބެހޭ ގައުމީ މަޖިލީހާއި އޮލިމްޕިކްސް ކޮމިޓީ އެކުވެގެންވެސް ބީޑަބްލިޔުއެފްގެ ބަހަކަށް މަސައްކަތް ކުރި ނަމަވެސް، އެކަމުގައި ކުރިއެރުން ނުލިބުނެވެ.
އެހިސާބުން ބީއޭއެމްގެ ގައުމީ ހައިސިއްޔަތު ވަގުތީ ގޮތުން ނަގާފައިވާ ކަަމަށް ސްޕޯޓްސް މިނިސްޓްރީން މިހާރު ވަނީ އަންގައިފައެވެ.
މައްސަލައަށް ހައްލެއް ހޯދުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އެޑް ހޮކް ކޮމިޓީއެއް އެކުލަވާލުމަށް ނިންމިއެވެ.
އެޑް ހޮކް ކޮމިޓީގައި ހިމެނެނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ނައިބު ރައިސް، އަހުމަދު މުންތަގިމް (މުންތޭ)، ބެޑްމިންޓަން ކޮމިއުނިޓީގެ ފަރާތުން، އައިމިނަތު ނަބީހާ އަބްދުއްރައްޒާގު (ނަބީ) އަދި، މިނިވަން ގާނޫނީ ވަކީލެއްގެ ގޮތުގައި އައިމިނަތު ޝަރީފެވެ.
ކޮމިޓީގެ ފަރާތުން ގެޒެޓްކޮށްފައިވާ ގޮތުގައި، ބީއޭއެމްގެގެ ހިންގުމާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރެވޭނެ ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހު، ހަވީރު 17:00 ގައި ހެންވޭރު ބޯޅަގޭ ތިންވަނަ ފަންގިފިލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، މިބައްދަލުވުމުގައި ބީއޭއެމްގެ މެމްބަރުންގެ ތެރެއިން ވީހާވެސް ގިނަ މެމްބަރުން ބައިވެރިވުމަށް އެޑް ހޮކް ކޮމިޓީން ވަނީ އެދިފައެވެ.
އެޑް ހޮކް ކޮމިޓީގެ މަސައްކަތް ކޮމިޓީ އެކުލަވާލާ ތާރީހުން ފެށިގެން 45 ދުވަސް ތެރޭގައި ނިންމައި، އަލަށް އިންތިހާބު ކުރެވޭ ބީއޭއެމްގެ ހިންގާ ކޮމިޓީއާ އެ އެސޯސިއޭޝަން ހަވާލު ކުރެވޭނެ ކަމަށް މީގެ ކުރިން ސްޕޯޓްސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވެއެވެ.
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން
ބެޑްމިންޓަން