ކުށް ކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ އާއި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށާއި، ކުށް ކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ހިމަނައިގެން ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި އެ ބިލުގައި ކަނޑައަޅާފައިވާ ހަ ކުށުންކުރެ ކުށެއް ސާބިތުވެއްޖެނަމަ، އެމީހެއްގެ ފައިސާ އާއި މުދާ ދައުލަތަށް ނެގުމަށްޓަކައި ކޯޓު އަމުރެއް ނެރެންވާނެ ކަމަށް ވަނީ ބުނެފައެވެ.

  • ކުށް ކުރުމަށް ބޭނުންކުރި ފައިސާ ނުވަތަ މުދާ
  • ކުށް ކޮށްގެން ހޯދާ މުދާ ނުވަތަ ކުށްކޮށްގެން ހޯދާ މުދަލުން ހޯދާ ފައިސާ އާއި މުދާ
  • ކުށް ކޮށްގެން ހޯދަން އުޅޭ ނުވަތަ ހޯދާފައިވާ ފައިސާ ނުވަތަ މުދާ
  • ކުށް ކުރުމަށް ބޭނުންކުރި މުދާ
  • ކުށް ކޮށްގެން ހޯދާ މުދަލަކާ އެކުވެފައިވާ ފައިސާ ނުވަތަ މުދާ
  • ކުށްކޮށްގެން ހޯދާ މުދަލަކުން، ސީދާ ގޮތެއްގައި ނުވަތަ ނުސީދާ ގޮތެއްގައި ލިބޭ މުދާ

މީގެ ތެރެއިން ކުށެއް ޝަރީއަތުގައި ސާބިތު ނުވި ނަމަވެސް، މީހެއްގެ ފައިސާ އާއި މުދާ ދައުލަތަށް ނެގޭ ހާލަތެއް ވެސް ބިލުގައި ވަނީ ކަނޑައަޅައިފައެވެ.

ކުށް ސާބިތު ނުވެ މުދާ ނެގިދާނެ ހާލަތްތައް

  • ކުށް ސާބިތުނުވާ ހާލަތުގައި، އެ ކުށަކާ ގުޅިފައިވާ ފައިސާ ނުވަތަ މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް ކުށުގެ ދައުވާ އުފުލިއިރު ޕީޖީގެ ފަރާތުން އެދިފައިވުން
  • ދައުވާ ލިބޭ ފަރާތަކީ ކުށުގެ ރެކޯޑެއް އޮތް ފަރާތަކަށްވުން
  • ދައުވާ ލިބޭ ފަރާތަށް ތުހުމަތުކުރެވޭ ކުށުން ނުވަތަ އެ ކުށާ ގުޅިފައިވާ އަމަލަކުން، ސީދާ ގޮތެއްގައިވިޔަސް ނުވަތަ ނުސީދާ ގޮތެއްގައިވިޔަސް، ގާނޫނު ހުއްދަ ނުކުރާ މަންފާއެއް ލިބިފައިވާކަމުގައި، ފުލުހުންގެ ތަހުގީގަށް އެކަށީގެންވާ ހެކި ލިބިފައިވުން
  • އެ ކުށަކާ ގުޅިގެން ދައުލަތަށް ނެގުމަށް ބޭނުންވާ ފައިސާ ނުވަތަ މުދަލަކީ ގާނޫނު ހުއްދަކުރާގޮތުގެ މަތީން ހޯދާފައިވާ މުދާ ނުވަތަ ފައިސާކަން ދައުވާ ލިބޭ ފަރާތަށް ސާބިތުކޮށްނުދެވުން

ނުވަ ބާބާއެކު 100 މާއްދާ އެކުލެވޭ އެ ބިލުގައިވާގޮތުން، އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފައްދައިފިނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާ 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަމަ 18 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާ އާއި ފަސް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީވެސް މި ބިލުގެ ދަށުން ކުށެކެވެ. އެ ކުށަށް އަރައިގެންފި މީހަކު، އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000 ރުފިޔާއާއި 10 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000 ރުފިޔާއާއި ހަތް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މީގެ އިތުރުން ރެކްރޫޓް ކުރުމުގައި ގްރޫޕުތަކަށް އެހީވާ ފަރާތްތަކާއި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާ ފަރާތްތަކާއި ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރުމާއި ހެކިބަސްދޭ ފަރާތްތަކަށް ބިރުދައްކާ ފަރާތްތަކަށްވެސް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އިންތިޒާމުވެފައިވާ ކުށެއް ކުރުމުގައި ގާނޫނީ ޝަހުސެއް ނުވަތަ އެ ޝަހުސެއްގެ މަސްއޫލުވެރި ފަރާތެއް ބައިވެރިވެއްޖެނަމަ އެ ޝަހުސެއް އުވާލުމާއެކު އެ ކުށެއް ކުރި މީހަކު 100،000 ރުފިޔާ އާއި 100 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށްވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

މި ބިލުގައިވާގޮތުން އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕަކާ ގުޅިފައިވާ މީހަކު ނުވަތަ ހޯދާފައިވާ މުއްސަނދިކަމަކީ ހުއްދަގޮތުގައި ހޯދާފައިވާ މުއްސަނދިކަމެއްކަން ސާބިތުކޮށްނުދެވޭ މީހެއްގެ މުއްސަނދިކަމަކީ ނުޙައްގުން ހޯދާފައިވާ މުއްސަނދިކަމެއްކަން ކަނޑައަޅައިދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ކޯޓަށް ހުށަހެޅޭނެއެވެ. ކޯޓުން އެގޮތަށް ނިންމާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެއެވެ.

މި ބިލުގައި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މީހުން މެރުމާއި، މާރާމާރީ ހިންގުމާއި ރަހީނުކުރުމާއި ބިރުދެއްކުމާއި ބޮޑު ޖިސްމާނީ އަނިޔާއެއް ދީފިނަމަ ދެވޭނެ އަދަބުތައްވެސް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން، މީހަކު މަރާލައިފިނަމަ މަރުގެ އަދަބު ދިނުމަށް ހިމަނުއްވާފައިވާ އިރު، އެހެނިހެން ކުށްތައް ކުރާ މީހުންނަށް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެއެވެ.

އިންތިޒާމުވެގެން ކުރާ ބޮޑެތި ކުށްތަކާއި ހަތިޔާރު ބޭނުންކޮށްގެން ކުރާ ނުރައްކާތެރި ކުށްތަކާއި ހަތިޔާރު ގެންގުޅުމާއި އެފަދަ ހަތިޔާރު އުފެއްދުމާއި ރާާއްޖެ އެތެރެކުރުން ފަދަ ކުށްތައް ކުރާ ކަމަށް ތުހުމަތު ކުރެވޭނަމަ ކޯޓުއަމުރަކާނުލައި އެމީހަކު ހުއްޓުވައި ފާސްކުރުމާއި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް މި ބިލުގެ ދަށުން ލިބޭނެއެވެ.