ސިވިލް ސާވިސްގައި ނުހިމެނޭ ގޮތަށް ބަންޑާރަ ނައިބުގެ އޮފީހުގެ ހިދުމަތަކީ ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމުކުރުމަށް ކަނޑައަަޅައި، ބަނޑާރަ ނާއިބު އޮފީހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޖުޑީޝަރީ ކޮމިޓީން އެ ބިލު ދިރާސާކުރި ގޮތުގެ ރިޕޯޓަށް ހޯރަފުށީ ދާއިރާގެ މެންބަރު ހުށަހެޅި އިސްލާހާއެކު މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބިލު ފާސްކުރީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ވޯޓުންނެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއުއެވެ.
ބަންޑާރަ ނައިބުގެ އޮފީހުގެ ބިލަކީ ބަންޑާރަ ނައިބުގެ މަގާމަށް އައްޔަންކުރާ ބޭފުޅެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ޒިންމާތަކާއި މަސްއޫލިއްޔަތު ކަނޑައެޅުމާއެކު ބަންޑާރަ ނައިބުގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭހެން ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކުރުމަށް ހުށަހެޅި ބިލެކެވެ. އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި ހިންގުމާގުޅޭ އުސޫލުތަކާއި މުވައްޒަފުންގެ ކަނޑައެޅުމަށް ގާނޫނީ އޮނިގަނޑެއް އެކުލަވައިލެއްވުމަކީވެސް އެ ބިލުގެ ބޭނުމެކެވެ.
ގާނޫނުއަސާސީގައި ބަންޑާރަ ނައިބުގެ އޮފީސް މިނިވަން ތަނެއްގެ ގޮތުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެ އޮފީސް މިހާތަނަށް ހިންގަމުން އައިސްފައިވަނީ ސިވިލް ސާވިސްގެ ދަށުންނެވެ. މިނިވަން ތަންތަނުގެ ގޮތުގައި ގާނޫނުގައި ބަޔާންކުރާ ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހާއި އެހެން މިނިވަން މުއައްސަސާތައް ހިންގަނީ ވަކި ގާނޫނުތަކެއްގެ ދަށުންނެވެ.
މި ބިލުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލެވޭނެއެވެ. އެއީ ލީގަލް ސާވިސްއާއި އެޑްމިނިސްޓްރޭޓިވް ސާވިސްއެވެ. ބިލުގައިވާ ގޮތުން މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ހަމަތަކާ އެއްގޮތަށް މާލީ ވަޒީރެވެ.
އޭގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން އެކަށީގެންވާ ސިއްހީ އިންޝުއަރެންސް ނިޒާމެއްގައި ބައިވެރިކުރުމާއި ރިޓަޔަމަންޓް ގަވާއިދާ އެއްގޮތަށް ޝަރަފުވެރިކަމާއެކު ވަޒީފާ އިން ވަކިވުމުގެ އިނާޔަތްވެސް ކަނޑައަޅަން ވަނީ ބިލުގައި ހިމަނައިފައެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް