ކުޑަކުއްޖަކު ގޮވައިގެން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ކުޑަކުއްޖަކު އުރައިގެން ހުޅުމާލެ ނިރޮޅުމަގުން ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެފައިވާ ކަމުގެ ރިޕޯޓް މިއަދު ހެނދުނު 9:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ސައިކަލު ދުއްވި މީހާގެ ވާތު ކޮނޑުހުޅު ބިނދި، ކަނާތު ފައިތިލަ މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"މަގު ހުރަސްކުރި އަންހެން މީހާގެ ވާތު އުޅަނބޮށި މަށައިގެން ގޮސްފައިވޭ. އަދި ކުޑަކުއްޖާ ބޯ ދުޅަވެފައިވޭ،"

ފުލުހުން ބުނީ އެ ތިން މީހުންނަށް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާދެމުންދާ ކަމަށެވެ.

އަނިޔާވި ކުޑަކުއްޖާއަކީ އެއް އަހަރާއި 8 މަހުގެ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.

އި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ އެކްސިޑެންޓްވި ގޮތް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފައެވެ.

އެ ވީޑިއޯއިން ފެންނަނީ ކުއްޖާ އުރައިގެން އަންހެން މީހާ މަގު ހުރަސް ކުރަނިކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދިޔަ ޒުވާން ފިރިހެނަކު ކޮންޓްރޯލު ނުވެ ގޮސް އެ ދެމީހުންގެ ގައިގައި ޖެހޭ މަންޒަރެކެވެ. ސައިކަލުގެ ކުރީ ފުރޮޅު އަންހެން މީހާގެ ފައިގައި ޖެހުމުން އެމީހާ ވެއްޓި، އޭނާ އުރައިގެން ހުރި ކުއްޖާގެ ބޯ ބިންމަތީގައި ޖެހޭ މަންޒަރު ފެނެއެވެ.

އެވަގުތު ސައިކަލު ދުއްވަން އިން ޒުވާނާ ވެސް ސައިކަލާއެކު ވެއްޓޭ މަންޒަރު ފެނެއެވެ.