ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް އަނެއްކާވެސް ކޯޗު މުހައްމަދު އާތިފް (އާތީ) ހަމަޖައްސަން އެފްއޭއެމް އިން ފިފާގައި އެދިއްޖެއެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި، މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޮންޓްރެކްޓް ހަމަވުމުން، އެފްއޭއެމް އިން ވަނީ އަންހެން ޓީމުގެ ކޯޗަކު ހޯދަންވެސް އިއުލާންކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަގާމަށް ކުރިމަތިލި ކޯޗުންގެ ތެރެއިން އާތީގެ ނަން ފާސްކޮށް، އެފްއޭއެމް އިން ވަނީ ފީފާއަށް ނަން ފޮނުވައިފައެވެ.

އާތީ ވަނީ މީގެ ކުރިންވެސް ދެ ފަހަރަކު ގައުމީ އަންހެން ޓީމުގެ ކޯޗުކަން ކޮށްފައެވެ. އެންމެފަހުން އޭނާ އަންހެން ޓީމުގެ ކޯޗުކަމުގައި ހުރީ 2019 ވަނަ އަހަރުއެވެ. އާތީ ގައުމީ ޓީމުގައި ހުރި ދެ ފަހަރުވެސް ޓީމަށް ރަނގަޅު ކުރިއެރުންތަކެއް ހޯދައި ދީފައިވެއެވެ.

މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ އޯލް ޔޫތު ލިންކޭޖާއި ކްލަބު ވެލެންސިއާގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު އީގަލްސްއަށްވެސް އިރުޝާދު ދިން އާތީއަކީ ތަޖުރިބާކާރު ކޯޗެކެވެ.

އެންމެފަހުން ރާއްޖޭގައި ކުރިއަށްދިޔަ ފުޓުބޯޅަ ސީޒަނުގެ ދެވަނަ ޑިވިޝަނުގެ ތަށި އޮޑި ސްޕޯޓްސް ކްލަބަށް ހޯދައިދިން ކޯޗު އާތީ އަކީ ކުރިން ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސް ކުރި ކޯޗެކެވެ.