އަންނަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށްދާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗުގައި އިއްޔެ ގުއާމް އަތުން ބަލިވެއްޖެއެވެ.

ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި، ކޮލިފައިންގެ ހޯސްޓް ގައުމު ވިއެޓްނާމް ކައިރިން ރާއްޖެ ބަލިވީ 7-0 އިންނެވެ. ގުއާމުން ފުރަތަމަ މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ކައިރިން އެއްވަރުވެފައި އޮވެ އިއްޔެ މެޗަށް ނުކުތް އިރު، އިއްޔެ އެޓީމުން ރާއްޖެ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗުގައި ރާއްޖޭގެ ގޯލްކީޕަރު އައިމިނަތު ލީޒާއަށް ގިނަ ހަމަލާތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު، ރާއްޖެ ކޮޅަށް ގުއާމުން ޖެހި ތިން ގޯލުވެސް ޖެހީ ރެބޭކާ ބާޓޯޝްއެވެ. އޭނާގެ ފުރަތަމަ ގޯލު ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖެހި އިރު، އަނެއް ގޯލުތައް ފެނުނީ ދެވަނަ ހާފުގައެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތީ، ކޮލިފައިން ކުރިއަށްދާ ވިއެޓްނާމާއި ރާއްޖޭގެ އިތުރުން، ގުއާމާއި ޔޫއޭއީއެވެ.

ރާއްޖެ ދެން ކުޅޭ މެޗުގައި ޔޫއޭއީއާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހުއެވެ.