ނަތީޖާތަކަށް އުންމީދުކުރަން ޖެހޭނީ ރާއްޖޭގައި އެކަން އޮތް ގޮތުގެ ހާލަތަށް ބަލާފައި ކަމަށް ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗު، ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.
ކުރިން ގައުމީ ޓީމުގެ ޑިފެންޑަރަކަށްވެސް ކުޅުނު ސޮބާ އެހެން ބުނެފައި ވަނީ ސާފް އަންހެން މުބާރާތަށް ގައުމީ ޓީމު އިންޑިއާގެ ގޯއާއަށް ފުރުމުގެ ކުރިން "ވަން ސްޕޯޓްސް"އަށް ދިން އިންޓަވިއު އެއްގައެވެ. ސޮބާ ބުނީ ރާއްޖޭގެ އަންހެން ފުޓުބޯޅަ އޮތީ ލީގެއް ނެތި، މާބޮޑު ހަރަކާތްތަކެއް ނެތި ކަމަށާއި، މިހާރު އޮތް ހާލަތުގައި ނަތީޖާއަށް ވިސްނަން ޖެހޭނީ ހާލަތަށް ބަލައިގެން ކަމަށެވެ.
"މީގަ މުހިއްމުވާނެ ހާލަތަށް ބެލުން. އެއީ ފުޓުބޯޅައިގައި ހާލަތަށް ބަލަން ޖެހޭ ނަތީޖާއަށް ވިސްނަންޏާ. އެކަށީގެންވާ ގޮތެއްގައި އަންހެން ފުޓުބޯޅަ ކުރިއަރުވަން ބޭނުންވާނެ ބައިވަރު ކަންކަން ރަނގަޅުކުރަން. މިހެން އޯވަނައިޓުން ޕްރެކްޓިސް ކޮށްލާފައި ގޮސް ނަތީޖާއަށް ދާން އުނދަގޫވާނެ. އެހެންވީމަ ހާލަތަށް ބަލާފައި ޖެހޭނީ ނަތީޖާ މިނެކިރަންވެސް،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ ޓީމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށް ގަބޫލުކުރާ ކަމަށާއި، އަމިއްލަ ޓާގެޓަކީ ނަތީޖާގެ ފަރަގު ކުރިއަށްވުރެ ކުޑަކުރުން ކަމަށެވެ.
ރާއްޖޭން 2016 ވަނަ އަހަރު އަންހެން ސާފް ޗެމްޕިއަންޝިޕް ސެމީއަށް ދިޔަ ނަމަވެސް، އެންމެފަހުން 2024 ވަނަ އަހަރު ކުޅުނު މުބާރާތުގައިވެސް ބޮޑެތި ނަތީޖާތަކުން ބަލިވިއެވެ. އެގޮތުން ނޭޕާލް ކައިރިން 11-0 އިން ބޫޓާން ކައިރިން 13-0 އިން ބަލިވިއެވެ.
"ހަގީގަތަކީ އަދިވެސް ރަނގަޅަށް އެކަށީގެންވާ ގޮތަކަށް ނޫން މި ތައްޔާރުވަނީ. ދެން މިދިޔަ އަހަރު ނަތީޖާއަށް ވާހަކަ ދައްކާލެވިދާނެ. އެންމެފަހުން ކުޅުނު މުބާރާތުގައި ވަރަށް ހެވީ ޑިފީޓްތަކެއް މި ފެންނަނީ. އެހެންވީމަ އޭގެ އަލީގައިވެސް ތައްޔާރުވާން ޖެހޭ ވަރަށް ތައްޔާރު ނުވެވެންޏާ ދައްކާނެ މާގިނަ ވާހައެއް ނެތް. އެކަމަކު އަޅުގަނޑާއެކު މަސައްކަތް ކުރި ކުރުމުގައި އެ އައި ބަދަލުތަކާއެކު ކުޅުންތެރިން އެ ކުރި މަސައްކަތުން ކޮންމެވެސް ބަދަލުތަކެއް ފެނުން އެއީ ޓާގެޓަކީ. އެއާއެކު މިދިޔަ އަހަރަށްވުރެ ނަތީޖާގެ ފަރަގު ކުޑަކުރުން މުހިއްމު. އެއީ އަމިއްލަ ޓާގެޓެއް. ސްކޯއަށް އެކަންޏެއް ނޫން ދެން ވިސްނާނީ. އެއީ ފުޓުބޯޅަ މިއޮތް ލެވެލްއަށް ބަލަންޏާ ބުނަން ޖެހޭނެ ވާހަކައެއް،" ސޮބާ ބުންޏެވެ.
ސޮބާ ބުނީ ކުޅުންތެރިންނަށް އެކަށީގެންވާ ވަގުތު އަދިވެސް ނުލިބޭ ކަމަށާއި، އެކުވެރިކަމުގެ މެޗުތައް ނުލިބުންވެސް އެއީ ތައްޔާރީތަކުގައި ޗެލެންޖެއް ކަމަށެވެ. ސޮބާ ފާހަގަކުރީ ބައެއް ޒުވާން ޓީމުތަކާ ދެކޮޅަށް ކުޅުނު ނަތީޖާތަކަކީ ހިތްހަމަ ޖެހުމެއް ކަމަށާއި، އެދޭ އެދުމަކީ ފާޑުކިޔަންޏާވެސް މިހާރު އޮތް ހާލަތަށް ބަލައި ފާޑު ކިޔުމަށް ކަމަށެވެ.
ރާއްޖޭން ގްރޫޕް ސްޓޭޖުގައި ކުޅެން އޮތީ އިންޑިއާ އަދި ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ ދެމެޗަކީވެސް ބޮޑު ޗެލެންޖެއް ކަމަށް ސޮބާ ފާހަގަކުރިއެވެ.
އޭގެ އިތުރުން ސޮބާ ބުނީ އަންހެން ޓީމާ ހަވާލުވީ އެފްއޭއެމްގެ ސްޓާފެއްގެ ގޮތުގައި ހުރި ވަގުތު، މިކަމަށް އެދުމުން ކަމަށާއި، މިއީ ޗެލެންޖެއް ކަމަށެވެ.
"މިއީ ކޮންމެ ގޮތެއް ވިޔަސް ޗެލެންޖެއް. އަންހެން ފުޓުބޯޅަ ދަސްކޮށްލަން ލިބުނުވެސް ފުރުސަތެއް. ދެން އެފްއޭގެ ޓެކްނިކަލް ސްޓާފެއް މިހުރީ. އެހެންވެ އެބަ ޖެހޭ މިހާރު އެފްއޭގެ މި މަސައްކަތްތަކާ ކޮންމެ ކޯޗެއްވިޔަސް ހަވާލުވާން،" 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗަކަށްވެސް ހުރި ސޮބާ ބުންޏެވެ.
މިފަހަރު މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު ހޯމަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅޭ އިރު، ބަންގްލްދޭޝްއާ ދެކޮޅަށް ނުކުންނާނީ 28 ވަނަ ދުވަހުއެވެ.
މުޙައްމަދު ޝަމްޢޫން
ގައުމީ އަންހެން ފުޓުބޯޅަ ޓީމު
ގައުމީ އަންހެން ފުޓުބޯޅަ ޓީމު
ގައުމީ އަންހެން ފުޓުބޯޅަ ޓީމު
ގައުމީ އަންހެން ފުޓުބޯޅަ ޓީމު
މިއީ އަހަރެމެންނަށް ފެންނަން އޮތް ހަގީގަތެވެ. ސާކް ގައުމުތަކާއި އޭޝިއާގެ އެހެން ގައުމުތަކަށް ބަލައިލާށެވެ. ކާމިޔާބު ހޯދަމުން އެދަނީ އަހުލާގު ހިފަހައްޓައި ބުރަކޮށް މަސައްކަތްކުރާ ގައުމުތަކެވެ. ކާމިޔާބީއަކީ ހަމައެކަނި އެންމެ ފުރިހަމަ ވަސީލަތްތައް ހުރެގެން ލިބޭ އެއްޗެއް ނޫނެވެ؛ އޭގެ އަސްލަކީ ބުރަ މަސައްކަތެވެ -ސަލާމް-
ހަގީފަތް - 4 ހަފްތާ ކުރިން
އަހަރެމެން މިތިބެނީ ސައުވީސް ގަޑިއިރު ސޯޝަލް މީޑިއާގައެވެ. ވިހަ ސިޔާސީ ކަންކަމުގެ ތެރެއަށް ގެނބި، ހުރިހާ ކަމަކުން ފަހަތަށް ދަނީއެވެ. ހަނދާންކުރާށެވެ؛ އަހުލާގެއް، ކޮމިޓްމަންޓެއް، އަދި ބުރަ މަސައްކަތެއް ނެތް ނަމަ، އެއްވެސް ކާމިޔާބީއެއް ނުލިބޭނެއެވެ
ހަގީފަތް - 4 ހަފްތާ ކުރިން
އެ ގައުމުތަކުގެ ތަފާތަކީ، ކުޅުންތެރިން މި ހާލަތު ގަބޫލުކޮށް، ނަމޫނާ އަހުލާގެއްގައި ދެމިތިބެ، ލިބެންހުރި ވަސީލަތްތަކުން އެންމެ އެދެވޭ ނަތީޖާ ނެރުމަށް މަސައްކަތްކުރާ ކަމެވެ. މި ހުރިހާ ކަމެއް މިހެން ހުރިއިރު، ތަރައްގީގެ މަގުގައި ފަހަތަށް ފިޔަވަޅު އަޅަމުންދާ ހަމައެކަނި ގައުމަކީ އަޅުގަނޑުމެންގެ ގައުމެވެ.
ހަގީފަތް - 4 ހަފްތާ ކުރިން
ހަމައެކަނި މުބާރާތްތަކުގައި ބައިވެރިވިކަން ދެއްކުމަށްޓަކައި ފައިސާ އިސްރާފުކުރުން ހުއްޓާލަންޖެހެއެވެ. އެހެން ގައުމުތަކުން ހޯދަމުންދާ ކުރިއެރުންތަކަށް ވިސްނާލުން މުހިންމެވެ. ގައުމީ ފެންވަރުގެ އެކަށީގެންވާ ލީގެއް ނެތް ކަމަށް ބުނެ ފާޑުކިޔުންތެރިން އަބަދުވެސް ޝަކުވާކުރެއެވެ. ނަމަވެސް، އަންހެނުންގެ ފުޓްބޯޅައިގެ ފުރިހަމަ ލީގެއް އޮތް އެންމެ ސާކް ގައުމެއްވެސް ނެތެވެ.
ހަގީފަތް - 4 ހަފްތާ ކުރިން
އެއްވެސް ތައްޔާރުވުމެއްނެތި، ތަޖުރިބާއެއްނެތި، މައުލޫމާތެއްނެތި، ސުކޫލަކަށް ނުގޮސް، އަދި ކިޔަވައިދޭނެ އެހީތެރިއަކު ނެތި އިމްތިހާނަކަށް ދިއުމަކީ ތިމާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމެކެވެ. ދުނިޔޭގެ ކުރިމަތީގައި ލަދުގަންނަން ނުޖެހޭނެ މިންވަރަށް އަމިއްލައަށް ރަނގަޅަށް ތައްޔާރުވާށެވެ. އޭގެ ފަހުން އިމްތިހާނުގަ ބައިވެރިވާށެވެ. އެހެންނޫންނަމަ، މުޅި ގައުމާއި، ގައުމުގެ ރައްޔިތުން އަދި އަންނަން އޮތް ޖީލުތައްވެސް ލަދުވެތިވެ، މާޔޫސްވާން ޖެހޭނެއެވެ.
ހަގީފަތް - 4 ހަފްތާ ކުރިން