އެންމެފަހުން 2023 ވަނަ އަހަރު ބޭއްވި އަންހެން ވޯލްޑް ކަޕުގައިވެސް ވާދަކުރި ވިއެޓްނާމާ ދެކޮޅަށް ރާއްޖޭގެ އަންހެން ޓީމުން ރަނގަޅު ނަތީޖާއެއް ހޯދައިފިއެވެ.

އަންނަ އަހަރު އޮސްޓްރޭލިއާގައި ކުރިއަށްދާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި، ކޮލިފައިންގެ ހޯސްޓް ގައުމު ވިއެޓްނާމާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 7-0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެގެންނެވެ.

އެންމެ ފަހުން ބޭއްވި އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ވިއެޓްނާމް ކައިރިން ރާއްޖެ މި ހޯދީ ރަނގަޅު ނަތީޖާއެކެވެ. މީގެ ކުރިން ސަރަހައްދީ ގައުމުތައް ކައިރިންވެސް ރާއްޖޭގެ އަންހެން ޓީމުން ބޮޑެތި ބަލިތަކާ ކުރިމަތިލާފައިވާ އިރު، ވިއެޓްނާމަކީ ފީފާ ރޭންކިންގެ 37 ވަނައިގައި އޮތް ގައުމެކެވެ. ރާއްޖެ އޮތީ 163 ވަނައިގައެވެ.

މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވިއެޓްނާމުން ހަ ގޯލު ޖެހިއެވެ. އަދި އަނެއް ހާފުގައި އިތުރު ގޯލެއް ޖެހި އިރު، އެޓީމުގެ ގަން ތީ ވަން ސޫ ދެ ގޯލު ޖެހިއެވެ. އަދި ގުޔެން ތީ ބިޗް ތީވެސް ދެ ގޯލު ޖެހި އިރު، މީ އާން، އެންގޮކް މިންގް ޗޫޔެން، ފާމް ހައި ޔެން ވެސް މެޗުގައި ގޯލު ޖެހިއެވެ.

ފަހުވަގުތު ވިއެޓްނާމަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެޓީމަށް އިތުރު ގޯލެއް ޖެހިފައެއް ނުވެއެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތީ، ކޮލިފައިން ކުރިއަށްދާ ވިއެޓްނާމާއި ރާއްޖޭގެ އިތުރުން، ގުއާމާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.

ގުއާމާ ދެކޮޅަށް ޔޫއޭއީން ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.