މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.
ޔުނައިޓެޑުން އެންމެ ފަހުން އަމިއްލަ ދަނޑުގައި 2-0 އިން ވެސްޓް ހޭމް ކައިރިން ބަލިވެފައިވާ އިރު، އެ ޓީމު މި ވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ. އެއީ 36 މެޗުން 39 ޕޮއިންޓާއެކުގައެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި ޔުނައިޓެޑް ވަނީ 17 މެޗުން ބަލިވެފައެވެ.
އެ ޓީމަށްވުރެ ފަހަތުން ދެން ރެލިގޭޓް ނުވެ އޮތް ޓީމަކީ ޔޫރޮޕާ ލީގުގެ ފައިނަލުގައި ވާދަކުރަންޖެހޭ ޓޮޓެންހަމް އެވެ.
ޔުނައިޓެޑުން އެންމެފަހުން ލީގުގައި ކުޅުނު ހަތް މެޗުންވެސް އެ ޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. މިއީ 1992 ވަނަ އަހަރަށްފަހު އެ ފެންވަރަށް ޔުނައިޓެޑް ވެއްޓުނު ފުރަތަމަ ފަހަރެވެ.
އެ މެޗަށްފަހު ވާހަކަދައްކަމުން ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނީ، އެންމެންވެސް ވާހަކަ ދައްކަމުން ދަނީ ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ފައިނަލަށް ދިޔަ ވާހަކަ ނަމަވެސް، އެއަށްވުރެ ބޮޑު ކަމަކާ މި ވަގުތު ވިސްނަން ޖެހިފައިވާ ކަމަށެވެ.
މިހާރު އޮތް ހާލަތުން ޓީމު ދޫކޮށްލަން ވިސްނާ ކަމަށް އޭރު އޭނާ ބުނި ނަމަވެސް، އަމޯރިމް ބުނީ ޒިންމާ ނުނަގާ ފިލަން ބޭނުން ނުވާ ކަމަށެވެ.
"އަހަރެން މި ކްލަބަށް އައިސް ފުރަތަމަ ވެސް މި ދައްކާ ވާހަކައަކީ އަހަރެން ވަކި ސްޓޭންޑާޑެއް ހިފަހައްޓަން ބޭނުންވާ ކަމަށް. އަދި ހާއްސަކޮށް މިހާރު އޮތް ހާލަތުގައި ޕްރިމިއާ ލީގުގައި ނަތީޖާ ނެރެންވެސް މަޖުބޫރު. އެކަމަށް ޒިންމާ ނުނަގާ ރެކެން ވެގެން ނޫޅެން،" އަމޯރިމް ބުންޏެވެ.
އަމޯރިމް ބުނީ ޓީމުގެ ހާލަތު އެނގޭ ކަމަށާއި މިހާރު އޮތް ހާލަތުގައި އޮއްވާ ކްލަބު ދޫކޮށްލަން ބޭނުން ނުވާ ކަމަށެވެ. އަދި މި ވަގުތަށް ބޭނުން ވަނީ ޓީމު ރަނގަޅަށް ކުޅެ، ކޮންމެވެސް ވަރަކަށް ނަތީޖާ ނެރުން ކަމަށްވެސް އޭނާ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑް