މި ސީޒަނަށްފަހު، ކްލަބު ވޯލްޑް ކަޕްގެ ކުރިން ރެއާލް މެޑްރިޑް ދޫކޮށްލަން ނިންމީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި، އެއްވެސް އިރެއްގައި އެ ކްލަބާ މައްސަލައެއް ނުޖެހޭ ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
އެންޗެލޮޓީ، 65، ވަނީ މި ސީޒަނަށްފަހު ރެއާލް ދޫކޮށްލައި، ބްރެޒިލް ގައުމީ ޓީމާ ހަވާލުވާނެކަން މިހާރު ވަނީ ރަސްމީކޮށް އިއުލާނު ކޮށްފައެވެ. އެންޗެލޮޓީ، މިމަހުގެ 26 ވަނަ ދުވަހު ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާނެ ކަމަށް އިއްޔެ އޭނާވެސް ބުނެފައިވާ އިރު، ރެއާލާ ހަވާލުވެ ހުންނާނެ އެންމެ ފަހު މެޗަކީ ލީގުގައި ރެއާލުން، ރެއާލް ސޮސިއެދާދާ ދެކޮޅަށް ކުޅޭ މެޗެވެ.
"މިމަހުގެ 26 އިން ފެށިގެން އަހަންނަކީ ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު. އެހެންވިޔަސް އެވާހަކަ ދައްކައި، އެކަމަށް ފޯކަސް ކުރާކަށް އަދި ނެތިން. ރެއާލަށް ދޭން ޖެހޭ އިހުތިރާމު ދޭން ބޭނުން. އަހަރެން ރެއާލް ދޫކޮށްލަނީ އެއްވެސް މައްސަލައެއް ޖެހިގެނެއް ނޫން. މި ކްލަބަކީ އަހަރެން އަބަދުވެސް ލޯބިވާނެ ކްލަބެއް. އެހެން ނަމަވެސް ބްރެޒިލާއެކު މި ނަގަނީ މުޅިން އާ ޗެލެންޖެއް. އެއްވެސް އިރަކު ރެއާ މައްސަލައެއް ނުޖެހޭ،" އެންޗެލޮޓީ ބުންޏެވެ.
އެންޗެލޮޓީއަށް ރެއާލާއެކު މި ސީޒަން ކާމިޔާބު ނޫން ނަމަވެސް، ދެފަހަރު މަތީން އެ ކްލަބާއެކު އޭނާ ވަނީ ޖުމުލަ 15 ތަށި ހޯދައިފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ތިން ތަށިވެސް ހިމެނެއެވެ.
މި ސީޒަނުގައި ރެއާލްއިން ކުއާޓާ ފައިނަލާ ހަމައިން ޗެމްޕިއަންސް ލީގުން ކަޓާފައިވާ އިރު، ކޮޕާ ޑެލް ރޭ ފައިނަލުގައި ބާސެލޯނާ ކައިރިންވެސް ވީ ބައްޔެވެ. އަދި ލީގު ގެއްލުންވެސް އޮތީ ގާތުގައެވެ.
އެންޗެލޮޓީ ބުނީ ރެއާލްގައި ހޭދަކުރެވުނީ އުފާވެރި ދުވަސްތަކެއް ކަމަށާއި، އެ ކްލަބު ދޫކޮށް ދަނީ އަބަދު އެއްކަމެއްގައި ނުހުރެވޭނެތީ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް