ލީގު ނުފެށި ލަސްވެގެން ދިޔުމާއެކު އެފްއޭއެމްއިން ރާވާ އިންތިޒާމުކުރަމުންދާ އެފްއޭއެމް ލީގު ކަޕް 2025 ގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ފުރަތަމަ މޮޅެއް ހޯދައިފިއެވެ.

ގައުމީ ދަނޑުގައި މިއަދު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓުން ޓީސީ ސްޕޯޓްސް ކްލަބު ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މޮޅަކީ މުބާރާތުގައި ނިއުއިން ހޯދި ފުރަތަމަ މޮޅެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިން ފުރަތަމަ މެޗުގައި ނިއުއިން ބަލިވެފައި އޮތް އިރު، މިއަދުގެ މެޗަކީ ޓީސީގެ ތިންވަނަ މެޗެވެ.

އެޓީމުން ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބާ އެއްވަރު ކޮށްފައިވާ އިރު، ދެވަނަ މެޗުގައި އޮތީ މާޒިޔާ ކައިރިން ބަލިވެފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ހަމަލާތައް ފެނުނު ނަމަވެސް، ގޯލެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ގޯލުތައް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ.

ނިއުގެ ސަޕޯޓަރުން މިއަދުގެ މެޗަށްވެސް ވަދެފައިވޭ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ރާފިގް އަމީނު ނިއުއަށް ލީޑު ނަގައިދިން އިރު، 59 ވަނަ މިނެޓުގައި ޒަޔާން ޒާހިރު ވަނީ ޓީސީއަށް އެއްވަރު ކޮށްދީފައެވެ.

އޭގެފަހުންވެސް މެޗު ޑޮމިނޭޓްކޮށް ކުޅުނު ނިއުއިން ދެވަނަ ފަހަރަށް ލީޑު ނެގީ ކުރިން މާޒިޔާއަށް ކުޅުނު މޫސާ ޔާމީން (ޔާމްބެ) ޖެހި ގޯލާއެކުގައެވެ. އޭގެފަހުން ރާފިގު އިތުރު ގޯލެއް ޖެހި އިރު، ނިއުގެ އަނެއް ގޯލު ޖެހީ އާދަމް ނާސިހު (އާދަންނާ) އެވެ.