ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެެއް ބަލާފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް، ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވައިފިއެވެ.

އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކޮށްލަން ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވިކަަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްޗަށް ސުލޫކީ މައްސަލައެެއް ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފައެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ސިއްރު ބައްދަލުވުމެއްގައި އެ ދެ ފަނޑިޔާރުން ވަކިކުރަން ނިންމީ ރަނގަޅަށް ކަމަށް ނިންމައި އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފައިވާ އިރު، ކޮމިޓީ ރިޕޯޓަށް ކައުންސެލް ޖެނެރަލް ފިލްޒާ ދެއްވި ލަފާގައި ވިދާޅުވީ، ފަނޑިޔާރުންނާ ގުޅޭގޮތުން ޖޭއެސްސީން ބެލީ އާންމު ފަރާތަކުން ސިޓީއަކުން ހުށަހެޅި ސުލޫކީ މައްސަލައެއްކަން އެނގޭ ކަމަށާއި ގާނޫނުގައިވާ ގޮތުން އެފަދަ މައްސަލައެއް ކޮމިޝަނުން ބަލާނެތޯ ކަނޑައަޅަން ފޮނުވަން ޖެހެނީ ތިން މެންބަރުންގެ މައްޗަށް އެކުލެވޭ މައްސަލަ ބަލާ ކޮމިޓީއަށް ކަމަށެވެ. ނަމަވެސް ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައެއް ނުވާ ކަމަށާއި އެ މައްސަލަ ކޮމިޝަނަށް ހުށަހެޅީ އެ ކޮމިޝަންގެ ރައީސް އަދި މާފުށި ދާއިރާގެ މެމްބަރު ހުސައިން ރިޒާގެ ފަރާތުން ކަމަށް ވިދާޅުވިއެވެ.

ޖޭއެސްސީން ބުނާ ގޮތަށް އެއީ އަމިއްލަ އިސްނެގުމަށް ބަލަން ފެށި މައްސަލައެއް ކަމަށް ބަހުސުގެ ބޭނުމަށް ބުނި ނަމަވެސް، ފިލްޒާ ވިދާޅުވި ގޮތުގައި ސިޓީއާ ގުޅިގެން އަމަލުކުރަން ޖެހޭނެ ގޮތަކީ އެ ސިޓީގައިވާ މައްސަލަ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް ގެނެސް، އެކަމެއް ތަހުގީގުކުރުމާ މެދު ގޮތެއް ނިންމުމަށް މައްސަލަ ބަލާ ކޮމިޓީއަށް ސެކްރެޓަރީ ޖެނެރަލް ފޮނުވުމެވެ.

"ގާނޫނުގައި ވަކި ކަމަކަށް ވަކި އިޖުރާއަތެއް ކަނޑައަޅާފައި ވަނިކޮށް، އެ އިޖުރާއަތަށް އަމަލު ނުކުރުމަކީ ކޮމިޝަނަށް ލިބިގެންވާ އިހުތިޔާރެއް ނޫން،" ފިލްޒާ ވިދާޅުވިއެވެ.

އެ ސަބަބުތަކަށްޓަކައި ފިލްޒާ ޖުޑިޝަރީ ކޮމިޓީއަށް ލަފާ ދެއްވީ ދެ ފަނޑިޔާރުންނާ ގުޅޭ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމުމުގައި ޖޭއެސްސީން އަމަލުކޮށްފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށެވެ.

ފިލްޒާ އެ ލަފާ ދެއްވި ނަމަވެސް، ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ހުށަހަޅާފައިވާ ގޮތަށް ޖުޑީޝަރީ ކޮމިޓީން މިއަދު ވަނީ މަޖިލިސް ތަޅުމަށް ރިޕޯޓު ފޮނުވައިފައެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ އެކަމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިގޮތަށް މަޖިލީހުން ވަކިކޮށްފައިވެއެވެ.