އިންޑިއާގެ ލެޖެންޑަރީ ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީ، ޓެސްޓް ކްރިކެޓުން ރިޓަޔާކުރިކަން އިއުލާނުކޮށްފިއެވެ.
ވިރާތު ރިޓަޔާމެންޓް އިއުލާނުކުރީ ޖޫން މަހުގައި އިންޑިއާއިން އިންގްލެންޑާ ދެކޮޅަށް ޓެސްޓް ޓުއާއެއް ކުރިއަށްގެންދަން ނިންމާފައި ވަނިކޮށެވެ. ކޯލީގެ ކުރިން، މިދިޔަ ހަފުތާ ތެރޭގައި އިންޑިއާގެ ކެޕްޓަން ރޯހިތު ޝަރުމާވެސް ވަނީ ރިޓަޔާމަންޓް އިއުލާނުކޮށްފައެވެ.
އުމުރުން 36 އަހަރުގެ ކޯލީ، 123 ޓެސްޓް މެޗު އިންޑިއާއަށް ކުޅެފައިވެއެވެ. އެ މެޗުތަކުގައި އޭނާ 9230 ލަނޑު ހަދާފައިވާ އިރު، އެއީ މެޗެއްގައި އެވެރަޖް 46.85 ލަނޑެވެ.
ކޯލީ ޓެސްޓް ކްރިކެޓް ކުޅުމަށް އިންޑިއާ ގައުމީ ޓީމަށް ނުކުތީ 2011 ވަނަ އަހަރުއެވެ. އޭގެފަހުން 14 އަހަރުން ވަންދެން ކޯލީ ޓެސްޓް ކްރިކެޓް ކުޅެފައިވާ އިރު، އޭނާގެ ފުރަތަމަ މެޗަކީ ވެސްޓް އިންޑީސްއާ ދެކޮޅަށް ކުޅުނު މެޗެކެވެ.
ކޯލީ ކުޅުނު މެޗުތަކުގެ ތެރެއިން 68 މެޗެއްގައި ކެޕްޓަން ކަންވެސް ކުރިއެވެ. އޭގެ ތެރެއިން 40 މެޗެއް ކާމިޔާބުކޮށްފައިވާ އިރު، ކޯލީއަކީ އިންޑިއާގެ ޓެސްޓް ކްރިކެޓް ޓީމުގެ އެންމެ ކާމިޔާބު ކެޕްޓަންވެސް މެއެވެ.
ކޯލީއަކީ ފަހުގެ ޖީލުގައި އިންޑިއާގެ އިތުރުން ދުނިޔޭގެވެސް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. ކޯލީއަށްވުރެ ގިނައިން ޓެސްޓް ކްރިކެޓްގައި ގައުމީ ޓީމަށް ލަނޑު ހަދައިދީފައިވާ ހަމައެކަނި ކުޅުންތެރިންނަކީ ސަޗިން ޓެންޑަލްކާއާއި ރާހުލް ޑްރާވިޑް އަދި ސުނިލް ގަވަސްކާރެވެ.
ކޯލީ ވަނީ 2024 ވަނަ އަހަރު ގައުމީ ޓީމާއެކު ޓީ20 ވޯލްޑް ކަޕް ހޯދައި، ގައުމީ ޓީމުގެ ޓީ20 ކްރިކެޓުންވެސް ރިޓަޔާކޮށްފައެވެ. ދެން ކޯލީ ފެންނާނީ އިންޑިއާގެ ވަން ޑޭ ކްރިކެޓުން އެކަންޏެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް