ރާއްޖޭގެ ވޮލީ ގައުމީ ޓީމުތަކުގެ ކޯޗުކަމާ ދާދިފަހުން ހަވާލުވި އިރާނުގެ ތަޖުރިބާކާރު ކޯޗު، އަލީ ޕޯ އަރޯޖީ މަގާމު ދޫކޮށް ފުރައިފިއެވެ.

ރާއްޖޭގެ ގައުމީ ޓީމުތަކަށް އިރުޝާދު ދިނުމަށް ވީއޭއެމް އިން ގެނެސްފައިވާ އިރާނުގެ ކޯޗު އަލީއަކީ ވޮލީގެ ތަފާތު މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

އެފްއައިވީބީގެ ކޯޗިންގެ މަތީ ފާސްތަކެއް ހާސިލުކޮށްފައިވާ އަލީއަކީ ކުރިން ވޮލީ ކުޅުނުވެސް ކޯޗެކެވެ. ކުޅުން ނިންމާލުމަށްފަހު ކޯޗިން ކެރިއަރު ފަށައި، އޭނާ ވަނީ އިރާނުގެ އެކިއެކި ޓީމުގެ އިތުރުން ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ގައުމީ ޓީމާއެކު އަލީ ވަނީ ކާމިޔާބީތަކެއްވެސް ހޯދައިފައެވެ. އޭގެ ފަހުން 2015 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝް ގައުމީ ވޮލީ ޓީމާ ހަވާލުވެ ހުރި، އަލީ ވަނީ އެގައުމާއެކު އޭޝިއަން ސެންޓްރަލް ޒޯން މުބާރާތްވެސް 2016 ވަނަ އަހަރު ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން 2021 ވަނަ އަހަރު ސެންޓްރަލް ޒޯން ފައިނަލުގައިވެސް އަލީ ވަނީ ބަންގްލަދޭޝަށް އިރުޝާދު ދީފައެވެ.

ކޯޗާއެކު ރާއްޖެއިން މަސައްކަތް ފެށީ ދުރު ރާސްތާ ޕްލޭނަކަށް ވާސިލުވެ، މި ޒަމާނުގެ ވޮލީ ޒުވާން ކުޅުންތެރިންނަށް ދަސްކޮށްދޭން ހާއްސަ ކަމެއް ދީގެންނެވެ. އެގޮތުން ކުރިއަށް އޮތް އިންޑިއަން އައިލެންޑް ގޭމްސްގެ ފައިނަލަށް ދިޔުމަކީވެސް އޭގެ ތެރެއިން އެއް އަމާޒެވެ.

އެ ޕްލޭނާއެކު މަސައްކަތް ފެށި ނަމަޗެސް، އަލީ ޕޯ ރާއްޖޭގެ ޕްރޮޖެކްޓް ދޫކޮށް ދިޔައީ އެކަށީގެންވާ ވަސީލަތްތަކެއް ނެތުމުންނެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފ "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ކޯޗު މައިގަނޑުކޮށް ކުރަމުންދިޔަ މަސައްކަތަކީ ޒުވާން ކުޅުންތެރިންނަށް މޮޑާން ވޮލީބޯޅައިގެ ހުނަރުތައް ދަސްކޮށްދިނުން ކަމަށާއި، އެ މަސައްކަތަށް އެކަށީގެންވާ ވަސީލަތްތައް ނެތްކަން ފާހަގަކުރި ކަމަށެވެ.

ކާވާގެވެސް ރައީސް ލަތީފް ވިދާޅުވީ ކޯޗު ކުރަމުންދިޔަ ތަމްރީނުތަކަށް ބޭނުންވީ އިންޑޯ ވަސީލަތްތަކެއް ކަމަށާއި، ހުރިހާ ޑްރިލްތަކެއް އިންޑޯގައި ޖެއްސޭނެ ގޮތެއް މިވަގުތު ނެތް ކަމަށެވެ. އައުޓްޑޯގެ ތަމްރީނުތަކުގެ ސަބަބުން ކުޅުންތެރިންނަށް އަނިޔާ ލިބޭލަތް ބޮޑުވެ، އިތުރު ބައެއް އުނދަގޫތަކާވެސް ދިމާވާނެތީ، ކޯޗު އަލީ ޕޯ ވިސްނީ މިވަގުތު ރާއްޖޭގެ ޕްރޮޖެކްޓުން ދުރަށް ދާން ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

އިރާނުގެ ކޯޗު އަލީ ޕޯއާއެކު ވީއޭއެމްގެ ރައީސް ލަތީފް --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އެގޮތުން ކޯޗު ބުނީ ވަސީލަތްތައް ނެތި، ރާއްޖެއިން ހާސިލްކުރަން ބޭނުންވާ އަމާޒަށް ވާސިލު ނުވެވޭނެ ކަމުގެ ވާހަކަ ކަމަށްވެސް ލަތީފް ފާހަގަކުރެއްވިއެވެ.

ލަތީފް އިތުރަށް ވިދާޅުވީ ވޮލީއަށް މިވަގުތު، ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ކުޑަ އިންޑޯ ފެސިލިޓީއެއް ބޭނުންވާ ކަމަށާއި، އެކަމަށް ސަރުކާރާއެކު މަޝްވަރާ ކުރެވެމުން ދާ ކަމަށެވެ. އަދި އެކަމަށް ސަރުކާރަށް އިތުބާރު ކުރައްވާ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

ވީއޭއެމްއިން ބުނީ އަލީ ޕޯ ފެންވަރުގެ ކޯޗެއް ނޫން ނަމަވެސް، ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ގައުމީ ޓީމުތަކަށް އިތުރު ބިދޭސީ ކޯޗެއް ގެންނަން ނިންމާފައިވާ ކަމަށެވެ.