އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ވެސްޓް ހޭމް ކައިރިންވެސް ބަލިވެއްޖެއެވެ.

ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި 2-0 އިން ބަލިވެފައިވާއިރު، އެ ޓީމު މި ވަގުތު އޮތީ ތާވަލުގެ 16 ވަނައިގައެވެ. އެއީ 36 މެޗުން 39 ޕޮއިންޓާއެކުގައެވެ. މިހާތަނަށް މި ސީޒަނުގެ ލީގުގައި ޔުނައިޓެޑް ވަނީ 17 މެޗުން ބަލިވެފައެވެ.

އެ ޓީމަށްވުރެ ފަހަތުން ދެން ރެލިގޭޓް ނުވެ އޮތް ޓީމަކީ ޔޫރޮޕާ ލީގުގެ ފައިނަލުގައި ވާދަކުރަންޖެހޭ ޓޮޓެންހަމް އެވެ. އެ ޓީމުން 36 މެޗުގެ ތެރެއިން 16 މެޗުން ބަލިވެ، އެ ހިސާބަށް ވެއްޓުނީ އެންމެ 38 ޕޮއިންޓާއެކުގައެވެ. ރޭ ޓޮޓެންހަމުން ވަނީ ކްރިސްޓަލް ޕެލެސް ކައިރިން 2-0 އިން ބަލިވެފައެވެ.

ޔުނައިޓެޑުން އެންމެފަހުން ލީގުގައި ކުޅުނު ހަތް މެޗުންވެސް، އެ ޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. މިއީ 1992 ވަނަ އަހަރަށްފަހު އެ ފެންވަރަށް ޔުނައިޓެޑް ވެއްޓުނު ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި ޔުނައިޓެޑަށް ރަނގަޅަށް ކުޅެލަންވެސް ފުރުސަތު ލިބިފައި ނުވާއިރު، ވެސްޓް ހޭމްގެ ގޯލުތައް ޖެހީ ތޯމަސް ސޯޗެކާއި ޖެރަޑް ބޮވެންއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު ރުބެން އަމޯރިމް ބުނީ، އެންމެންވެސް ވާހަކަ ދައްކަމުން ދަނީ ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ފައިނަލަށް ދިޔަ ވާހަކަ ނަމަވެސް، އެއަށްވުރެ ބޮޑު ކަމަކާ މި ވަގުތު ވިސްނަން ޖެހިފައިވާ ކަމަށެވެ.

"އަހަރެން ލަދުގަނޭ ލީގު ތާވަލަށް ބަލައިލީމާ،" ރޭގެ މެޗަށްފަހު އަމޯރިމް ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑް މިހާރު އޮތް ހާލަތުގައި އޮވެ ސީޒަން ނިމިއްޖެ ހާލަތެއްގައި، އެ ކްލަބުގެ ކަންކަން ރަނގަޅުކުރަން އެހެން ކޯޗަކަށް ފުރުސަތު ދީފައި، ކްލަބު ދޫކޮށް ދާން ވިސްނާނެ ކަމަށެވެ.