އިނގިރޭސި ޕްރިމިއާ ލީގު ތައްޓަށް ވާދަކުރަމުންދިޔަ އާސެނަލްއާއި ލިވަޕޫލުން ރޭ ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
މި ސީޒަނުގެ ލީގުގެވެސް ފަހުކޮޅާ ޖެހެންދެން އާސެނަލުން ދިޔައީ ތައްޓަށް ވާދަކުރަމުންނެވެ. އެ ޓީމު ފޯމު ގެއްލުނު ހިސާބުން ލިވަޕޫލުން ވަނީ ފައިދާ ނަގައި، 20 ވަނަ ފަހަރަށް އިނގިރޭސި ޗެމްޕިއަންކަން ޔަގީންކޮށްފައެވެ.
ލިވަޕޫލުން ލީގު ޔަގީންވެފައި އޮވެގެން މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން ބަލިވި އިރު، އަނެއް މެޗުގައި ރޭ އެއްވަރުވީ 2-2 އިންނެވެ. އަމިއްލަ ދަނޑުގައި ރޭ އެއްވަރުވި މެޗުގައި އާސެނަލް އެއްވަރުކުރީ ފަހަތުން އަރައެވެ.
އާސެނަލަށް ހުސް އަތާ އަނެއްކާވެސް ސީޒަން ނިންމާލަން ޖެހިފައިވާއިރު، ލިވަޕޫލުން ފެށީ ޗެމްޕިއަނުންގެ ފެށުމެކެވެ. އުފާފާޅުކުރަމުންދާ ލިވަޕޫލްގެ ސަޕޯޓަރުންނަށް ފެށުން ރަނގަޅު ވެގެން ދިޔައީ ފުރަތަމަ 21 މިނެޓުގައި އެ ޓީމުން ޖެހި ދެ ގޯލާއެކުގައެވެ.
މެޗުގެ 20 ވަނަ މިނެޓުގައި އެންޑީ ރޮބަޓްސަންގެ ހުރަހަކުން ކޯޑީ ގަކްޕޯ ލީޑު ނެގި އިރު، އޭގެ މިނެޓެއް ފަހުން ލުއިސް ޑިއާޒް ވަނީ ލިވަޕޫލަށް ލީޑު ފުޅާކޮށްދީފައެވެ.
އެ ހިސާބުން ލިވަޕޫލުން ބޮޑު މޮޅެއް ހޯދާނެ ކަމަށް ބަލައިގެން ތިއްބައި ދެވަނަ ހާފުގައި އާސެނަލުން މެޗަށް އަނބުރާ ވަނެވެ. 47 ވަނަ މިނެޓުގައި ލެއާންޑްރޯ ޓްރޮސާޑު ނެގި ހުރަހެއްގައި، ހުސްކޮށް އޭރިއާ ތެރޭގައި އޮވެ ގެބްރިއަލް މާޓިނެލީ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލި އިރު، އޭގެ ފަހުން އާސެނަލް ނުރައްކާ ކުރިއެވެ.
އެގޮތުން މާޓިން އޮޑެގާޑުގެ ހަމަލާއެއް ލިވަޕޫލް ކީޕަރު އެލިސަން ބެކާ މަަތަކޮށް ދަނޑިއަށް އަމާޒުކޮށްލި އިރު، 70 ވަނަ މިނެޓުގައި މިކޭލް މެރީނޯ ވަނީ އާސެނަލަށް ދެވަނަ ގޯލެއް ޖަހައިދީފައެވެ.
އެ ގޯލާއެކު އާސެނަލުން މޮޅުވާން މަސައްކަތް ކުރި ނަމަވެސް، 79 ވަނަ މިނެޓުގައި މެރީނޯއަށް ރަތް ކާޑު ދެއްކި ހިސާބުން އެ ޓީމަށް އެކަން ކުރަން އުނދަގޫވިއެވެ.
ރޭގެ މެޗަކީ ޓްރެންޓް އެލެކްސެންޑާ އާނޯލްޑް، ލިވަޕޫލް ދޫކޮށްލާނެކަން އިއުލާނުކުރި ފަހުން ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ ފަހުކޮޅުގައި އޭނާ ކުޅެން އެރުމުން ސަޕޯޓަރުން ވަނީ ނުރުހުންވެސް ފާޅުކޮށްފައެވެ.
އާސެނަލް މިވަގުތު ދެވަނައިގައި އޮތީ 36 މެޗުން 68 ޕޮއިންޓާއެކުގައެވެ. ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލިވަޕޫލް އެއްވަނައިގައި އޮތީ 36 މެޗުން 83 ޕޮއިންޓާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު