އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ނިއުކާސަލްއިން ޗެލްސީ ބަލިކޮށްފިއެވެ.

މެޗުގެ ބޮޑު ބައެއްގައި ކުޅުންތެރިޔަކު މަދުކޮށް ކުޅުނު ޗެލްސީ ކައިރިން ނިއުކާސަލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ނިއުކާސަލް ތިންވަނައަށް ޖެހިލާފައިވަނީ 36 މެޗުން 66 ޕޮއިންޓާއެކުގައެވެ.

ރޭ މެންޗެސްޓާ ސިޓީން ކުޅުނު މެޗުންވެސް އެއްވަރުވެފައިވުމާއެކު މިއަދުގެ ކުރިމަތިލުމުން މޮޅުވާ ޓީމަކަށް ގަދަ ފަހެއް ޔަގީންކުރުމުގެ ބޮޑު ފުރުސަތެއް އޮތެވެ. އެ ހާލަތުގައި އޮވެ މެޗަށް ނުކުމެ، ޗެލްސީ ބަލިވުމާއެކު އެޓީމު މިވަގުތު އޮތީ ފަސްވަނައިގައެވެ. އެއީ 36 މެޗުން 63 ޕޮއިންޓާއެކުގައެވެ. ހަވަނައިގައި އޮތް އެސްޓަން ވިލާއަށްވެސް އެ އަދަދަށް ޕޮއިންޓް ލިބިފައިވާ އިރު، ސިޓީ ހަތަރު ވަނައިގައި އޮތީ 36 މެޗުން 65 ޕޮއިންޓާއެކުގައެވެ.

ޗެލްސީއަށް މިއަދުގެ މެޗު ފެށުންވެސް ދިޔައީ އުނދަގޫ ކޮށެވެ. މެޗުގެ ދެވަނަ މިނެޓް ތެރޭގައި ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، ނިއުކާސަލް ލީޑު ނެގިއެވެ.

ސާންޑްރޯ ޓޮނާލީގެ އެ ގޯލުން ނިއުކާސަލް ލީޑު ނަގައި އެޓީމުން ނުރައްކާކޮށް ފެށި އިރު، ޗެލްސީއަށް އިތުރަށް އުނދަގޫވީ ހާފު ނިމެން 10 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް، ނިކޮލަސް ޖެކްސަންއަށް ރަތް ކާޑު ދެއްކުމުންނެވެ.

ޖެކްސަންއަށް ރަތް ކާޑު ދެއްކީ މަތިން އައި ބޯޅައަކަށް މަސައްކަތް ކުރުމުގެ ތެރޭގައި ސްވެން ބޮޓްމަންއަށް އުޅަނބޮށިން ފައުލް ކުރުމުންނެވެ.

އޭގެފަހުން ކޯލް ޕާމާ ފޯލްސް ނައިންގެ މަގާމުގައި ބޭނުންކޮށް ޗެލްސީން ކޮންމެވެސް ވަރަކަށް ނުރައްކާކުރިއެވެ. އެންޒޯ ފެނާންޑޭޒްއާއި މާކް ކުކުރޭޔާގެ ހަމަލާތައް ނިކް ޕޯޕް މަތަކުރި އިރު، ފަހުން ރީސް ޖޭމްސް އަތުންވެސް ރަނގަޅު ފުރުސަތެއް ބޭކާރުވެގެން ދިޔައެވެ.

ނިއުކާސަލްއިން މޮޅު ޔަގީންކުރީ ފަހުވަގުތު ބްރޫނީ ގިމަރޭސް ޖެހި ގޯލުންނެވެ.