ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ 9،000 އަށް ވުރެ ގިނަ ކުދިން ސްކޫލަށް ނުދާ ކަމަށް ސްޓެޓިސްޓިކްސް (އެމްބީއެސް) ހާމަކުރި ތަފާސްހިސާބުގައި ބުނެފިއެވެ.

އެމްބީއެސްއިން އިއްޔެ އާންމުކުރި އެ ތަފާސްހިސާބުގައިވާ ގޮތުން ދެ އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިން ދަނީ ކޮންމެ ވެސް ގޮތަކުން ތައުލީމު ހާސިލުކުރަމުން ކަމަށާއި އޭގެ ތެރޭގައި އަންހެން ކުދިން ގިނަ ކަމަށެވެ. ސްކޫލްތަކުގައި ކިޔަވާ ފިރިހެން ކުދިންގެ އަދަދަކީ 50،845 ކަމަށާއި އަންހެން ކުދިންގެ އަދަދަކީ 48،455 ކަމަށް އެމްބީއެސްއިން ބުންޏެވެ. އެއީ ޖުމްލަ 99،300 ކުދިން ކަމަށެވެ. އޭގެ ތެރެއިން އަތޮޅު ތެރޭގައި ކިޔަވަމުންދަނީ 60،439 ކުދިން ކަަމަށާއި މާލޭގައި ކިޔަވަމުންދަނީ 38،861 ކުދިން ކަމަށެވެ.

މުޅި ރާއްޖޭގައި ގާތްގަނޑަކަށް 16 ޕަސަންޓް ކުދިންނަކީ ކިޔަވަމުން ނުދާ، މަސައްކަތުގައި ހަރަކާތްތެރި ނުވާ އަދި އެއްވެސް ކަހަލަ ތަމްރީނެއްގައި ހަރަކާތްތެރިވަމުން ނުދާ ކުދިން ކަމަށް އެމްބީއެސްއިން ބުންޏެވެ. އެއީ 9،000 ކުދިންންވެ.

އެމްބީއެސްއިން ބުނީ 2022 ވަނަ އަހަރުގެ ބޯހިމެނުގައިވާ ގޮތުން ޕްރައިމަރީ ތައުލީމުގައި ފިރިހެން ކުދިން ގިނަ ކަމަށެވެ. ސާނަވީ ތައުލީމުގައި ފިރިހެން ކުދިން ގިނަ ކަމަށާއި އެހެންވެ މިންތީގެ ހަމަހަމަކަން ދަށް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އެމްބީއެސްއިން ބުންޏެވެ. ނަމަވެސް މަތީ ސާނަވީ ތައުލީމުގައި އަންހެން ކުދިން ގިނަކަން ފާހަގަކުރެވިފައިވާ ކަމަށް އެމްބީއެސްއިން ބުންޏެވެ.

އެމްބީއެސްއިން އާންމުކުރި އެ ތަފާސްހިސާބުގައިވާ ގޮތުން 2025 ވަނަ އަހަރުގެ ކުޑަކުދިންގެ އާބާދީއަކީ 134،863 (48 ޕަސަންޓް) އެވެ. އެއީ 62،758 އަންހެން ކުދިންނާއި 658،396 (52 ޕަސަންޓް) ފިރިހެން ކުދިން ކަމަށެވެ.

އޭގެ ތެރެއިން 77،385 ކުދިން ދިރިއުޅެނީ އަތޮޅު ތެރޭގައި ކަމަށާއި މާލޭގައި ދިރިއުޅެނީ 53،769 ކުދިން ކަމަށް އެމްބީއެސްއިން ބުންޏެވެ.