ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރު އާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާ ކުރަމުންދާ އެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ ވަކި ހިސާބަކުން ސިއްރުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ޖޭއެސްސީން ވަކިކުރީ އިޖުރާއަތްތަކާ އެއްގޮތަށްތޯ، ބެލުމުގެ މަސައްކަތް އިއްޔެވެސް ޖުޑިޝަރީ ކޮމިޓީގައި ކުރިއަށް ދިޔައެވެ. އަދި ޖޭއެސްސީން އެކަން ކޮށްފައިވަނީ ރަނގަޅަށް ކަމަށް ޕީއެންސީ މެންބަރުން ކޮމިޓީއަށް ހުށަހަޅައި ތާއީދު ލިބި ވޯޓަށް އަހަން ތައްޔާރުވެފައި އޮއްވައި، އިދިކޮޅު އެމްޑީޕީގެ މެންބަރުން ފާހަގަކުރެއްވި ގިނަ ކަންތައްތަކަކާ ގުޅިގެން އިއްޔެގެ ބައްދަލުވުން ނިންމައިލީއެވެ.

އެމްޑީޕީގެ މެންބަރުން އިއްޔެވެސް އަދި މިއަދުވެސް ކޮމިޓީގައި ވަކާލާތު ކުރެއްވީ، ދެ ފަނޑިޔާރުން ކޮމިޓީގައި އެދިފައިވާގޮތަށް، އެބޭފުޅުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުން ބަރީއަވުމަށް ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށެވެ. އޭގެ އިތުރުން ކޮމިޓީއަށް ހާޒިރުވެ މައްސަލައަށް ޖަވާބުދާރީވުމަށް ޖޭއެސްސީން އެދިފައިވާ ފުރުސަތު ދިނުމަށެވެ. އެބޭފުޅުން ވިދާޅުވީ ޖޭއެސްސީން ނިންމި ނިންމުގައި އިޖުރާއަތްތަކާ ހިލާފު ކަންތައްތަކެއް ހިމެނޭ ކަމަށެވެ.

ޖުޑިޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ފުރަތަމަ ފުރުސަތަށް އެދިވަޑައިގެންނެވީ އިދިކޮޅު އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ.

ދެ ފަނޑިޔާރުންގެ މައްސަލަ ބަލައި އެ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި މަޖިލީހަށް ފޮނުވި ރިޕޯޓުިގައި އިޖުރާއީ ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، ޑރ. އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ފުލުހުން ހައްޔަރުކުރީ ބަރަހަނާ ހާލަތުގައި ކަމަށް، ޖޭއެސްސީން އެ މައްސަލަ ބެލި ތިން މެންބަރުންގެ ކޮމިޓީން ރިޕޯޓުގައި ފާހަގަކޮށްފައިވާ އިރު، ފުލުހުންގެ އެއްވެސް ލިޔުމެއްގައި އެގޮތަށް ބުނެފައިނުވާ ކަމަށެވެ. އެހެންކަމުން އެއީ ހަމައެކަނި ޖޭއެސްސީން މައްސަލަ ބެލި ކޮމިޓީގައި ތިބި ބޭފުޅުންނަށް ފެނުނު ގޮތްތޯވެސް ސުވާލުކުރެއްވިއެވެ.

އެ ހިސާބުން ކޮމިޓީގެ މުގައްރިރު ޕީއެންސީގެ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ނާޒިލްގެ ވާހަކަ ހުއްޓުވުމަށްފަހު، އެ މައްސަލައިގެ ތަހުގީގުގެ ތެރެއަށް ކޮމިޓީއަށް ވަދެވެނީ ކިހާ ފުޅާމިނެއްގައިތޯ، ބަލަންޖެހޭކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮމިޓީގެ ދައުރަކީ އެ މައްސަލަ ނިންމި ގޮތުގެ އިޖުރާއަތު ފުރިހަމަތޯ ބެލުންކަމާއި، މައްސަލަ ފެށުނު ހިސާބުން ފެށިގެން މައްސަލައިގެ ތެރެއަށް ކޮމިޓީން ކިހާ ފުޅާމިނަކަށް ވަންނަންޖެހޭތޯ ވިސްނާލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިންއޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޮތް ޖުޑީޝަރީ ކޮމިޓީން ވަނީ، އިތުރު ވަގުތު ނުދީ ތިން ފަޑިޔާރުން ވަކިކުރުމުގެ ނިންމުމެއް ނިންމާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ހިމެނޭ ފަނޑިޔާރުން ދިފާއުގައި ވާހަކަދައްކަން ކޮމިޓީއަށް ހާޒިރުކުރުމުގެ ބާރު އެބައޮތްތޯ އާއި މަޖިލީހުގެ ގަވާއިދު އެކަމަަށް ތަންދޭތޯވެސް ހުސްނީ މުބާރިކް ސުވާލުކުރެއްވިއެވެ.

ޖަވާބުދެއްވަމުން ނާޒިލް ވިދާޅުވީ، މަޖިލިސް ގަވާއިދުގެ 230 ވަނަ މާއްދާގައި ވަކިކަމެއް ކޮމިޓީއަށް ނުބެލޭނެކަމަށް ބުނެފައިވާތީ، އެ ފަރާތްތަކަށް ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ.

އެ ހިސާބުން ފުރުސަތު ދެއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދަށެވެ.

އޭނާ ވިދާޅުވީ، ކޮމިޓީގެ މެންޑޭޓްގައި އޮންނަނީ މައްސަލަ ބެލުމުގައި ވަކި މިންގަނޑެއް ކަނޑައެޅިފައި ކަމަށެވެ. އެއަށްވުރެ ބޭރަށް ކަންކަން ނުގެންދެވޭނެ ކަމަށެެވެ. އަދި މި މައްސަލައިގައި ބައެއް މީހުންގެ ޒާތީ މަސްލަހަތު ހިމެނޭތީ އެ ކަންތައްތައް މީޑިއާއަށް ހާމަވެދާނެތީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަންވެސް ޝާހިދު ހުށަހެޅުއްވިއެވެ. ޝާހިދު ވިދާޅުވީ ދެ ފަނޑިޔާރުން ވަކިކުރަން ނިންމައި ޖޭއެސްސީން މަޖިލީހަށް ފޮނުވި ރިޕޯޓް ވަރަށް ފުރިހަމަ ކަމަށެވެ.

އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، ޕީއެންސީ މެންބަރުން 19 ވަނަ މަޖިލީހުގައި ކަންހިނގާފައިވާ ގޮތުގެ ވާހަކަ ދައްކާ އިރު، ފަނޑިޔާރަކު ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރަން އޭރުގެ މައިނޯރިޓީ ޕާޓީ ޕީޕީއެމުން ހުށަހެޅުމުން އެ ފުރުސަތު އޭރު އޮތް އެމްޑީޕީގެ މެޖޯރިޓީން ދިން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރުމުގެ މައްސަލައިގައި، އެ ފަނޑިޔާރު އެދިގެން ޖޭއެސްސީން އެ ބައްދަލުވުން ކުރިއަށްގެންދިޔައީ ބޭނުން ބަޔަކަށް ވަދެވޭގޮތަށް، ދަރުބާރުގޭގައި ލައިވްކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވީ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމުގެ މައްސަލައެވެ.

މައުރޫފް ވިދާޅުވީ، މިހާރު އޮތް މައްސަލައިގައި ޖަވާބުދާރީވާން ފަނޑިޔާރުންނަށް ފުރުސަތުދީ އަދުލުވެރިކަމާއެކު އެކަން ކުރިއަށް ގެންގޮސްދިނުމަށް ބާ ކައުންސިލްގެ އިތުރުން ގާނޫނީ ދާއިރާގެ ފުންނާބު އުސް އެތައް ބަޔަކު އެދެމުންދާ ކަމަށެވެ. އޭގެ އިތުރުން އެ މައްސަލައިގައި ހެކި ވަޒަންކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށްބުނެ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ފުރުސަތުދިނުމަށް ގޮވާލަމުންދާ ކަމަށާއި، އދ. ގައި ވެސް އެ މައްސަލަ ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މައުރޫފު އިތުރަށް ވިދާޅުވީ، އެ ޖަވާބުދާރީވާން އެ ފަރާތްތަކަށް ފުރުސަތު ނުދީފިނަމަ، ޖުޑީޝަރިއަށް އޮތް އިތުބާރު ގެއްލި، އިންވެސްޓަރުންގެ އިތުބާރު ގެއްލި، ގަދަބާރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ތަނަކަށް ރާއްޖެ ވެގެން ހިނގައިދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ދީފައިވަނީ އާދައިގެ ބާރުތަކެއް ނޫން ކަމަށެވެ. އަދި އެ މެންބަރަކު ނިސްބަތްވާ ޕާޓީއަށް މެންބަރުގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު މެންބަރުންގެ ބާރު ކެނޑިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް މިއީ މަޖިލިސް މެންބަރުންގެ ބާރު އަލުން މެންބަރުންގެ އަތްމައްޗަށް ގެނައުމަށް އޮތް ފުރުސަތެއް ކަމަށްވެސް ވިދާޅުވިއެވެ.

ޒާކިރު ވިދާޅުވީ އެ ކޮމިޓީ އާއި މަޖިލީހުގައި އޮތް ޕީއެންސީގެ މެޖޯރިޓީގެ ބޭނުންކޮށްގެން އެ ދެ ފަނޑިޔާރުން ވަކި ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެބޭފުޅުން އެދެނީ ދެ ފަނޑިޔާރާ މެދު ޖޭއެސްސީން ނިންމާފައިވާ ނިންމުން ބަދަލު ކުރަން ނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ހަމައެކަނި ބޭނުންވަނީ ޝަރުއީ ނިޒާމުން ކަމެއް ނިމިގެންދާ އިރު، މައްސަލަ ރައްދުވާ ފަރާތަށް ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެ ބަހުސްގެ ތެރެއިން، ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ޝާހިދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ތާއީދުކުރެއްވިއެވެ. އެ ހިސާބުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ބައްދަލުވުމުން ވޯކްއައުޓް ކުރެއްވިއެވެ.