އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ފަހަކަށް މަސައްކަތް ކުރަމުންދާ މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗުގައި ރެލިގޭޓްވެފައި އޮތް ސައުތެމްޓަން ކައިރިން ގޯލެއް ނުޖެހި އެއްވަރު ވެއްޖެއެވެ.
ރޭގެ މެޗުން ބަލިވިނަމަ، ސައުތެމްޓަން ލީގު ނިންމާލާނީ ލީގު ތާރީހުގައިވެސް ރެކޯޑު ދަށް ނަތީޖާއަކާއެކުގައެވެ. މިރޭގެ ޕޮއިންޓާއެކު ސައުތެމްޓަންއަށް 12 ޕޮއިންޓް ލިބިފައިވާ އިރު، 11 ޕޮއިންޓާއެކު ސީޒަން ނިންމާލިނަމަ އެޓީމު ވެގެންދާނީ ލީގު ތާރީހުގައިވެސް އެންމެ ދަށް ނަތީޖާއަކާއެކު ލީގު ނިންމާލި ޓީމަށެވެ.
މިރޭ ގޯލެއް ނުޖެހި 0-0 އިން އެއްވަރުވުމާއެކު ސިޓީއަށްވެސް އެއީ މާޔޫސީ ނަތީޖާއެކެވެ. ލީގުގެ ގަދަ ފަހަކަށް ވާދަވެރިކަން ބޮޑުވެފައިވާ އިރު، ސިޓީ މިވަގުތު ތިންވަނައިގައި އޮތީ 36 މެޗުން 65 ޕޮއިންޓާއެކުގައެވެ. މިރޭ މޮޅުވެ، ދެވަނައިގައި އޮތް އާސެނަލާ އެއްވަރުކުރެވެން އޮތް ނަމަވެސް، ސިޓީއަށް މިހާރު ވަނީ ތިންވަނަ ގެއްލުމުގެ ބިރާވެސް ކުރިމަތިލާން ޖެހިފައެވެ.
ނިއުކާސަލްއާއި ޗެލްސީ މާދަމާ ރޭ ކުރިމަތިލާ އިރު، ނިއުކާސަލް މިހާރު އޮތީ ހަތަރު ވަނައިގައެވެ. އެއީ 35 މެޗުން 63 ޕޮއިންޓާއެކުގައެވެ. ޗެލްސީ ފަސްވަނައިގައި 35 މެޗުން 63 ޕޮއިންޓާއެކު އޮތް އިރު، އެސްޓަން ވިލާއިން މިހާރު އޮތް ހާލަތުން އެޓީމު ހަވަނައިގައި އޮތީ 36 މެޗުން 63 ޕޮއިންޓާއެކުގައެވެ.
މިރޭ ސިޓީން ކުޅުނު މެޗަށް އާލިން ހާލަންޑް އެނބުރި އައި ނަމަވެސް އޭނާއަށް މާބޮޑު ނުރައްކަލެއް ނުކުރެވުނެވެ. އޭގެ އިތުރުން މެނުއަލް އަކާންޖީ ބޮލުން ޖހެި ބޯޅައެއް ގޯލާ އަމާޒުނުވެ ދިޔަ އިރު، ބަނާޑޯ ސިލްވާ ފޮނުވާލި ހަމަލާ ރޮނގުމަތިން ކަހަލަ ގޮތަކަށް ބޭރުކޮށްލީ ސައުތެމްޓަންގެ ކެޕްޓަން ޖެކް ސްޓެފަންސްއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު