ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި، ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން އެ މަޖިލީހަށް ފޮނުވާފައިވާ މައްސަލައަށް، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ފުރުސަތު ނުދިނުމަށް އެ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީގައި މި މައްސަލަ ބެލުމުގެ ބައްދަލުވުން ފައްޓަަވަމުން، ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ، އެކަމާ ގުޅޭ ދެ މައްސަލައެއް ކޮމިޓީގައި ހިމެނޭ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، ފަނޑިޔާރުން ވަކިކުރަން ނިންމައި، އެކަމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ޖޭއެސްސީން ފޮނުވާފައިވާ މައްސަލަ އާއި އެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ ގާނޫނުގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ، ކޮމިޓީއަށް ހާޒިރުވެގެން އެ މައްސަލައަށް ޖަވާބުދާރީވާން ހުށަހަޅާފައިވާ މައްސަލައެވެ.
އޭގެ ތެރެއިން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި ހުށަހަޅުއްވާފައި ވަނީ، އަޒްމިރަލްްދާ ޒާހިރެވެ.
މުގައްރިރު ވިދާޅުވީ، މަޖިލިސް ގަވާއިދު ބުނާގޮތުން އެކަމުގައި ކޮމިޓީން ބަލަން ޖެހެނީ، އެ މައްސަލަ ޖޭއެސްސީން ނިންމީ އިޖުރާއަތްތަކާ އެއްގޮތަށްތޯ ކަމަށެވެ.
އެހެންކަމުން ކޮމިޓީއަށް ލިބިފައިވާ ދެ މައްސަލައަކީ ގުޅުން އޮތް، އެއްވައްތަރުގެ ދެ މައްސަލަކަމުން، އެ ދެ މައްސަލަ އެކުއެކީގައި ކުރިއަށް ގެންދިއުމާ މެދު ކޮމިޓީން ގޮތެއް ކަނޑައަޅައި ދިނުމަށް ބަހުސް ހުޅުވައިލެއްވިއެވެ.
އެންމެ ފުރަތަމަ ލިބުނު ފުރުސަތުގައި، އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވީ އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލަ ފުރަތަމަ ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް އެ ދެ މައްސަލައަކީ އިޖުރާއަތާ ގުޅިގެން ހުށަހަޅާފައިވާ، އެއްބާވަތުގެ ދެ މައްސަލަ ކަމަށް ވިދާޅުވެ، އެ ދެ މައްސަލަ އެކުގައި ކުރިއަށް ގެންދަން ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު ހުށަހެޅުއްވިއެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދުގެ ތާއީދާ އެކު، ނިޒާރު ހުށަހެޅުއްވި ގޮތަށް އެ މައްސަލަ އެއްކޮށް ކުރިއަށްގެންދަން ފާސްކުރިއެވެ.
އޭގެ ފަހުން ހުޅުވައިލި ފުރުސަތުގައި އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ، މައްސަލަ ބަަލައި ދިނުމަށް އެދި އަޒްމިރަލްދާ ކޮމިޓީއަށް ފޮނުވި ސިޓީގައި އިޖުރާއީގޮތުން ފާހަަގަކޮށްފައިވާ ބޮޑެތި ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ.
އެގޮތުން، ޖޭއެސްސީގެ މައްޗަށް އަޒްމިރަލްދާ ކޮށްފައިވާ ތުހުމަތު ތަކުގެ ތެރޭގައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ނިގުޅައިގަތުމާއި އިންސާފުން އެއްކިބާވެ، ވަކި ނަތީޖާއެއް ހާސިލް ކުރުމަށް ޖޭއެސްސީން މަސައްކަތް ކުރުމާއި ފުރައްސާރަ ކުރުމުގެ ގޮތުން ޖޭއެސްސީގެ އިސްނެގުމަށް އެތައް އަހަރެއް ކުރިން ހިނގާފައިވާ ހާދިސާތައް ތަހުގީގު ކުރަމުންދާ ކަމަށް ބުނުމާއި އެ މައްސަލަ ނިންމުމުގައި އިންސާފުން އެެއްކިބާވެ ޖޭއެސްސީ އާއި އެ މައްސަލަ ބެލި ޖޭއެސްސީގެ ކުޑަ ކޮމިޓީން މަސައްކަތް ކޮށްފައިވުން ހިމެނެއެވެ.
އޭގެ އިތުރުން އާއްމު ހުޅުވާލައިގެން މައްސަލައިގެ އަޑުއެހުންތައް ކުރިއަށްގެންދަން އެދިފައިވަނިކޮށް، އަޑުއެހުންތައް ސިއްރު ކުރުމާއި މައްސަލައިގެ ލިޔެކިއުންތައް ނުދިނުމާއި މައުލޫމާތު ސިއްރުކޮށްގެން އަޒްމިރަލްދާގެ ހައްގުތަކަށް ހުރަސް އެޅުމާއި ހުށަހަޅާފައިވާ ހެކިތަކަށް މައްސަލަ ނިންމުމުގައި ރިއާޔަތް ނުކުރާ ކަމަށްވެސް ބުނެފައިވެއެވެ.
މައުރޫފް ވިދާޅުވީ، އަޒްމިރަލްދާގެ މައްސަލަ ޖޭއެސްސީ ނިންމި ރިޕޯޓްގައި ވެސް އަދި އެ މައްސަލައިގެ ހެކިންގެ ހެކިބަހުން ވެސް، ނުފޫޒު ފޯރުވުމަށް ކުރިމިނަލް ކޯޓުގެ ގާޒީއަކަށް އަޒްމިރަލްދާ ގުޅާފައިވާކަން ފާހަގަކޮށްފައިނުވާ ކަމަށެވެ. އަދި ޖޭއެސްސީން މައްސަލަ ނިންމުމުގައި ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރެވިފައިވާކަން ފާހަގަވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ޖޭއެސްސީއަށް އެފަދަ ތުހުމަތުތަކެއް ކޮށްފައިވާތީ، ޖޭއެސްސީން ވެސް، އަޒްމިރަލްދާވެސް ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ފުރުސަތަކަށް އެދިފައިވާތީ، އެ ދެފަރާތް ކޮމިޓީއަށް ހާޒިރުކޮށް އެކުރާ ތުހުމަތުތަކުން ބަރީއަތްވުމުގެ ފުރުސަތު އެ ދެ ފަރާތަށް ދިނުމަށް ހުށަހެޅުއްވިއެވެ. އޭނާ ވިދާޅުވީ އެންމެ އަދުލުވެރިގޮތަކީ އެ ފަރާތްތަކަށް ފުރުސަތު ދިނުން ކަމަށްވެސް ވިދާޅުވިއެވެ.
މައުރޫފު ޒާކިރުގެ ހުށަހެޅުއްވުމަށް ނާޒިލް ތާއީދު ކުރެއްވިއެވެ.
ނަމަވެސް ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ، ކޮމިޓީއަކީ ތަހުގީގީ އިދާރާއެއް ނޫން ކަށެމެވެ. ކޮމިޓީގެ މަސްއޫލިއްތަކީ މައްސަލައެއް ހުށަހެޅުމުން އެކަން ހިނގި ގޮތެއް ބަލައި ފިޔަވަޅު އެޅުން ކަމަށްވެސް ވިދާޅުވިއެވެ.
ފަނޑިޔާރުގެ ބެލެނިވެރި ފަރާތަކީ ޖޭއެސްސީ ކަމަށާއި ކޮމިޓިގެ މަސްއޫލިއްޔަތަކީ ޖޭސްސީގެ ނިންމުމަކީ އިޖުރާއަތްތައް ފުރިހަމަތޯ އާއި އޮންނަ އުސޫލުގެ ތެރެއިން ނިންމިފައިވާ ކަމެއްތޯ ބެލުން ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތަށް ބަލާއިރު ފަނޑިޔާރު ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި މީގެކުރީގެ މަޖިލިސްތަކުގައި ވެސް ކޮމިޓީން ކަންތައް ކޮށްފައިވަނީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލަ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވަން ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ނާޒިލް ވިދާޅުވީ، މައުރޫފު ހުށަހަޅުއްވާފައި ވަނީ ތަހުގީގެއް ހިންކަން ނޫން ކަމަށެވެ. ނަމަވެސް ރިޕޯޓުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އެބޭފުޅުން ކޮމިޓީއާ ހިއްސާކުރަން އެދުނު މައުލޫމާތުތަކެއް އަޑުއަހާލުމަށް ފުރުސަތު ނުދޭންވީ ކީއްވެތޯ ވެސް ނާޒިލް ސުވާލު ކުރެއްވިއެވެ.
މީގެކުރިންވެސް ޖަޖުން ގެނެސް އެބޭފުޅުންގެ ވާހަކަތައް ކޮމިޓީން އަޑުއަހާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބާކައުންސިލާއި ބައެއް ގާނޫނީ ވަކީލުންވެސް އެކަމަށް އެދި ކޮމިޓީއަށް ސިޓީ ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވީ، އަޒްމިރަލްދާގެ ސިޓީގައި ފުރުސަތު ނުދޭ ކަަމަށް ވިދާޅުވާ އިރު، އަޒްމިރަލްދާގެ ހުރިހާ ވާހަކަތަކަށް ޖަވާބު ދެއްވާފައިވާ ކަމަށް ޖޭއެސްސީން މައްސަލަ ނިންމި ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އަޒްމިރަލްދާ އާއި ޖޭއެސްސީ ކޮމިޓީއަށް ހާޒިރުކުރަން ނުފެންނަ ކަމަށް ވިދާޅުވެ، ޖޭއެސްސީގެ ނިންމުމަށް ތާއީދު ކުރާ ކަމަށާއި އެ މައްސަލަ ޖޭއެސްސީން ނިމިގޮތަށް ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވަން ޝާހިދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ، ޖޭއެސްސީ އާއި އަޒްމިރަލްދާ ކޮމިޓީއަށް ހާޒިރުކޮށް ޖާވާބުދާރީވުމުގެ ފުރުސަތު ދޭން މައުރޫފު ޒާކިރު ހުށަހެޅުއްވި ހުށަހެޅުއްވުމަށެވެ.
އެގޮތަށް ފެންނަ ކަމަށް ވޯޓު ދެއްވީ، އެ ހުށަހެޅުން ހުށަހެޅުއްވި މެންބަރު މައުރޫފް ޒާކިރު އާއި ތާއީދު ކުރެއްވި އިބްރާހިމް ނާޒިލް އެކަންޏެވެ.
އެގޮތަށް ފާސްކުރަން ނުފެންނަ ކަމަށް ދެން ތިއްބެވި ހަތް މެންބަރުން ވޯޓު ދެއްވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ