ޔޫއެފާ ތިންވަނަ ފަންތީގެ މުބާރާތް، ކޮންފަރެންސް ލީގުގެ ފައިނަލަށް ޗެލްސީއާއި ރެއާލް ބެޓިސް ދަތުރު ކޮށްފިއެވެ.

ޗެލްސީން ކޮންފަރެންސް ލީގު ފައިނަލް ޔަގީންކުރީ ރޭ އަމިއްލަ ދަނޑުގައި ސްވިޑެންގެ ޖޫގާޑެން ކައިރިން 1-0 އިން މޮޅުވެ، އެގްރިގޭޓް 5-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ޗެލްސީއަކީ މީގެ ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރަށް ހޯދައި، ޔޫރޮޕާ ލީގު އެއްފަހަރު ހޯދާފައިވާ ޓީމެކެވެ. މިދިޔަ ދެތިން އަހަރު އެޓީމުގެ ފޯމު ދަށްކޮށް ފެނިގެން ގޮސްފައިވާ އިރު، ބެޓިސްއާ ދެކޮޅަށް ކުޅޭ ކޮންފަރެންސް ލީގު ފައިނަލުން މޮޅުވެ ތާރީހު ލިޔެލަން ޖާގަ އެބައޮތެވެ.

އެއީ، ކޮންފަރެންސް ލީގު ކާމިޔާބުކޮށްފިނަމަ، ޗެލްސީ ވެގެންދާނީ ޔޫރަޕްގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ.

ރޭ ޗެލްސީން ކުޅުނު މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ ކީނަން ޑިއުސްބަރީ-ހޯލްއެވެ. އެ ގޯލު ހާފުގެ ކުރީކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، ބަދަލުތަކަކާއެކު ކުޅުނު ޗެލްސީން މެޗު ކޮންޓްރޯލް ކުރިއެވެ.

އަނެއްކޮޅުން ފައިނަލަށް ނުކުންނަ ބެޓިސް ފައިނަލް ޔަގީންކުރީ 2-2 އިން ފިއޮރެންޓީނާ ކައިރިން، އިޓަލީގައި އެއްވަރު ކޮށްގެންނެވެ. އެ މެޗަށް ނުކުތް އިރު، ފުރަތަމަ ލެގުގައި ބެޓިސް އޮތީ 2-1 އިން ފުރަތަމަ ލެގު ކާމިޔާބު ކޮށްފައެވެ.

ބެޓިސްއިން ފުރަތަމަ ފަހަރަށް ޔޫރަޕްގެ ފައިނަލަކަށް ނުކުންނަން ތައްޔާރުވެފައިވާ އިރު، ބެޓިސްއަށް ފުރަތަމަ ހާފުގައި ލީޑު ނަގައިދިނީ މެންޗެސްޓާ ޔުނައިޓެޑުން އެޓީމަށް ބަދަލުވި އެންޓޮނީއެވެ. ޔުނައިޓެޑްގައި ކުރިމަތިވި ފާޑުކިޔުންތަކާއެކުވެސް ބެޓިސްއަށް ގޮސް މޮޅަށް ކުޅެމުންދާ އެންޓޮނީގެ ގޯލަށްފަހު ރޮބިން ގޮސެންސްގެ ދެ ގޯލާއެކު ފޮއޮރެންޓީނާއިން އެގްރިގޭޓް ނަތީޖާ އެއްވަރުކުރިއެވެ.

އެ ނަތީޖާއާއެކު ފުރިހަމަ ވަގުތު ހަމަވުމާއެކު އިތުރު ވަގުތަށް މެޗު ގޮސް، 97 ވަނަ މިނެޓުގައި ބެޓިސް މޮޅުވި ގޯލު ޖެހީ އަބްދޭ އެޒަލްޒޫލީއެވެ. އެއީވެސް އެންޓޮނީގެ އެސިސްޓަކުން ޖެހި ގޯލެކެވެ.