އިންޑިއާގައި ކުޅެމުންދާ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ފްރެޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ހަފުތާއެއްހާ ދުވަހަށް މެދުކަނޑާލަން ނިންމައިފިއެވެ.

އައިޕީއެލް މެދުކަނޑާލަން ނިންމާފައިވަނީ އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ސަލާމަތީ ކަންތައްތަކަށް ބަލައިފައެވެ.

އިންޑިއާއާއި ޕާކިސްތާނު ގުޅޭ ކަޝްމީރު ސަރަހައްދުގެ މަޝްރަހު ގޯސްވެފައިވާ އިރު، ދެ ގައުމުން ވަނީ ހަމަލާ ބަދަލުކުރަން ފަށައިފައެވެ.

އިންޑިއާއިން ފަށާފައިވާ ''އޮޕަރޭޝަން ސިންދޫރު'' ގައި އެ ގައުމުން ވަނީ ޕާކިސްތާނުގެ ހަނގުރާމަވެރިން ދިރިއުޅޭ ސަރަހައްދުތަކަށް ހަމަލާދިނުމަށް ކަމަށްބުނެ ކަޝްމީރުގެ ޕާކިސްތާނު ފަޅިއަށް މިސައިލު ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކުގައި 31 އާންމުން މަރުވެފައިވާ ކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.

ހަމަލާގެ ބަދަލު ހިފުމަށް ޕާކިސްތާނުން ވެސް ވަނީ އިއްޔެ އިންޑިއާއާ ދެކޮޅަށް ހަމަލާދޭން ފަށައިފައެވެ. އެ ހަމަލާތައް ދީފައިވަނީ ކަޝްމީރުގެ ބޯޑަރު ގުޅޭ ސަރަހައްދުގައި ކަމަށާއި މިހާތަނަށް އިންޑިއާއަށް ނިސްބަތްވާ 25 ޑްރޯން ވައްޓާލައި އިންޑިއާ ސިފައިންގެ 40 ނުވަތަ 50 މީހުން މަރާލާފައިވާނެ ކަމަށް ޕާކިސްތާނުން ބުނެއެވެ.

އިންޑިއާގެ ކްރިކެޓް ބޯޑުން ބުނީ ލީގުގެ ކަންތައްތަކާ ގުޅޭ މަޝްވަރާތައް ކޮށް، ލީގު ސަސްޕެންޑް ކުރީ ހުރިހާ ފަރާތްތަކަކަށްވެސް ފައިދާވާނެ ގޮތެއް ބަލާފައި ކަމަށެވެ.

އައިޕީއެލްގައި ދުނިޔޭގެ މަގުބޫލު އެތައް ކްރިކެޓް ކުޅުންތެރިންތަކެއް ކުޅެމުންދާ އިރު، ލީގުގެ މި ސީޒަނުގައި އަދި ބާކީ 16 މެޗު ކުޅެން އެބައޮތެވެ. ނިމެނޭ ކަމަށް ކުރިން އޮތް ތާރީހަކީ މިމަހުގެ 23 ނަމަވެސް، އާ ޝެޑީއުލް ފަހުން އިއުލާނުކުރާނެ ކަމަށް ކްރިކެޓް ބޯޑުން ވަނީ ބުނެފައެވެ.

އިންޑިއާގެ މަޝްހޫރު ފްރެންޗައިސް މެދުކަނޑާލި އިރު، ޕާކިސްތާނުގެ ކްރިކެޓް ލީގުގެ މެޗުތައްވެސް ޔޫއޭއީގައިއަށް ބަދަލުރަން ވަނީ ނިންމައިފައެވެ.

ޕާކިސްތާނުގެ ކަމާބެހޭ އިދާރާތަކުން ބުނީ އެ ފިޔަވަޅަކީވެސް ސަލާމަތީގޮތުން ވިސްނަން ޖެހޭ ވިސްނުންތަކާއެކު އެޅި ފިޔަވަޅެއް ކަމަށެވެ.