ޗެމްޕިއަންސް ލީގުގެ ފައިނަލަށް ކުރި ދަތުރުގައި ޕްރިމިއާ ލީގުގެ ހަތަރު ޓީމު ބަލިކުރި ނަމަވެސް، ޕީއެސްޖީއަކީ "ފާމާސް ލީގު ޓީމެއް" ކަމަށް ކޯޗު ލުއިސް އެންރިކޭ ސިފަކޮށްފިއެވެ.

ފްރާންސް ލީގަކީ ވާދަވެރިކަމެއް ނެތް، ދަށް ފެންވަރުގެ ލީގެއްގެ ގޮތުގައި ސިފަކުރުމަށް އާއްމުކޮށް ބައެއް އިނގިރޭސި ނޫސްތަކުންނާއި ސަޕޯޓަރުން އެ ލީގު ސިފަކުރަނީ "ފާމާސް ލީގު" ގެ ގޮތުގައެވެ. އެގޮތަށް ޖޯކު ޖެހުމަށް ބޭނުންކުރާ ކުރުމަށް ޕީއެސްޖީ ކޯޗު، އެންރިކޭ ރައްދު ދިނީ ރޭ ސެމީ ފައިނަލްގައި އާސެނަލް ކަޓުވާލުމަށްފަހުއެވެ.

"ޕްރިމިއާ ލީގުގެ ހަތަރު ޓީމެއް މި ބަލިކުރެވުނީ ދޯ؟ އެވެސް ފާމާސް ލީގުގެ ޓީމަކުން، އެހެންނު؟،" ސަމާސާ ކުރުމުގެ ގޮތުން މެޗަށްފަހު އެންރިކޭ ބުންޏެވެ.

އެންރިކޭ ބުނީ ޕީއެސްޖީއަކީ "ފާމާސް ލީގު" ޓީމެއް ކަމަށް ކިޔުމަކުން ހިތްބުރަކަމެއް ނެތް ކަމަށާއި، މިފަހަރު ޗެމްޕިއަންސް ލީގުން ކޮންމެވެސް ވަރެއްގެ މެސެޖެއް ދެވުނު ކަމަށް ހީކުރާ ކަމަށެވެ.

ޕީއެސްޖީން ލީގު ބުރުގައިވެސް އާސެނަލް ބަލިކުރި އިރު، އެޓީމުން ވަނީ ސެމީ ފައިނަލް ދެލެގުގައިވެސް އާސެނަލް ބަލިކޮށްފައެވެ. އޭގެ އިތުރުން ލީގު ބުރުގައި މެންޗެސްޓާ ސިޓީ ބަލިކޮށް، ޕީއެސްޖީން ފައިނަލަށް ދިޔައީ ލިވަޕޫލާއި އެސްޓަން ވިލާ، ނޮކްއައުޓް ބުރުގައި ބަލިކޮށްފައެވެ.