ޔޫއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގައިވެސް އާސެނަލް ބަލިކޮށް، ޕީއެސްޖީން ފައިނަލް ޔަގީން ކޮށްފިއެވެ.
އާސެނަލުން ރޭ ޕީއެސްޖީ ދަނޑަށް ނުކުތީ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި 1-0 ގެ ނަތީޖާއަކުން ބަލިވެފައި އޮތް ނަތީޖާ އަނބުރާލުމަށް ނަމަވެސް، ދެވަނަ ލެގު ޕީއެސްޖީން ވަނީ 2-1 އިން ކާމިޔާބުކޮށް، 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ފައިނަލް ޔަގީން ކޮށްފައެވެ.
އާސެނަލުން 2008-09 ވަނަ އަހަރުގެ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ސެމީއަށް ނުކުމެ، ފައިނަލާ ހަމައަށް ނުގޮސް ނިންމާލި އިރު، ރޭގެ ނަތީޖާއާއެކު އެޓީމުން މި ސީޒަން ނިންމާލަން ޖެހޭނީވެސް ހުސް އަތާއެވެ. މިދިޔަ ފަސް އަހަރުވެސް އާސެނަލަށް ތަށްޓެއް ލިބިފައި ނުވާ އިރު، އެޓީމަށް މިހާތަނަށް އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއްވެސް ނުވެއެވެ.
އަނެއްކޮޅުން ޕީއެސްޖީން މިދިޔަ ފަސް އަހަރު ތެރޭގައި ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލް ޔަގީން ކޮށްފައިވާ އިރު، އެޓީމުން އެންމެފަހުން ފައިނަލް ކުޅުނީ 2019-20 ވަނަ އަހަރުގެ ސީޒަނުގައެވެ. އެފަހަރު ފައިނަލުގައި ބަޔާން މިއުނިކުން ޕީއެސްޖީ ބަލިކުރި އިރު، މިފަހަރު މިއުނިކް ފައިނަލްގައި ޕީއެސްޖީ ނުކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ.
ރޭގެ މެޗު އާސެނަލުން ރަނގަޅަށް ފެށި ނަމަވެސް، ޕީއެސްޖީގެ އިޓަލީ ގޯލްކީޕަރު ޖިއާންލުއީޖީ ޑޮނަރޫމާ ފޫއަޅުވާލަން އުނދަގޫތަކާ ދިމާވިއެވެ. އޭނާ ވަނީ ގެބްރިއަލް މާޓިނެލީގެ ހަމަލާގެ އިތުރުން މާޓެން އޮޑިގާޑް ފޮނުވާލި ހަމަލާވެސް ކުޅަދާނަކަމާއެކު މަތަކޮށްފައެވެ.
އެ ހަމަލާތަކުގެ ބޭނުން އާސެނަލަށް ނުކުރެވި ދިޔުމާއެކު ޕީއެސްޖީން ފައިދާ ނެގީ 27 ވަނަ މިނެޓުގައެވެ. ފަބިއަން ރުއިޒް ޖެހި ގޯލުން އެޓީމު ހަމަޖެހިލި އިރު، އޭގެފަހުން ދެވަނަ ހާފުގައިވެސް ޕީއެސްޖީ ސަލާމަތްކުރަމުން ދިޔައީ ޑޮނަރޫމާއެވެ.
އެގޮތުން، ބުކަޔޯ ސަކާގެ ބާރު ހަމަލާވެސް އޭނާ މަތަކުރި އިރު، ޕީއެސްޖީއަށް ލީޑު ފުޅާކުރަން ހާފުގެ ކުރީކޮޅުގައި ލިބުނު ޕެނަލްޓީ ނާކާމިޔާބީވީ ވިޓީނިއާ އަތުންނެވެ. އޭނާ ޖެހި ޕެނަލްޓީ އާސެނަލް ކީޕަރު ޑޭވިޑް ރާޔާ މަތަކުރިއެވެ.
އެހިސާބުން އާސެނަލަށް ހިތްވަރެއް ލިބި ކުޅެން ފެށި ނަމަވެސް، 72 ވަނަ މިނެޓުގައި ތޯމަސް ޕާޓޭ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕީއެސްޖީން ދެވަނަ ގޯލެއް ޖެހިއެވެ. އޭރިއާ ތެރެއިން އަޝްރަފް ހަކީމީ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.
ޕީއެސްޖީގެ އެޓޭކްގައި ކަވީޗާ ކަވަރަޓްސްޝޭލިއާ ނުރައްކާތެރި ރޯލެއް އަދާކުރި އިރު، އޭނާގެ ހަމަލާއަށް ދަނޑިއަށްވެސް އަމާޒުވިއެވެ. މެޗުގެ ފަހުކޮޅުގައި ޕީއެސްޖީއަށް ކޮންމެވެސް ވަރަކަށް އުނދަގޫވީ ސަކާގެ ގޯލަކުން އާސެނަލް އުންމީދު ހޯދުމުންނެވެ.
އެ ގޯލާއެކު އާސެނަލް އިތުރަށް ކުރިއަށް ޖެހުނު ނަމަވެސް، ޕީއެސްޖީން ނަތީޖާ ހިފަހައްޓާލިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު