ޔޫއެފާގެ ތިންވަނަ ފަންތީގެ މުބާރާތް، ޔޫއެފާ ކޮންފަރެންސް ލީގު ހޯދިއްޖެނަމަ، އެއީ ޗެލްސީއަށް ދެވޭނެ ރަނގަޅު މެސެޖެއް ކަމަށާއި، އެއީ ޗެލްސީ އެނބުރި އައީ ކަމަށް ބެލެވިދާނެ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

ޗެލްސީއަކީ މީގެ ކުރިންވެސް ޔޫރަޕްގެ ކާމިޔާބީތައް ހޯދާފައިވާ ޓީމެކެވެ. ދެ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން ޔޫރޮޕާ ލީގުވެސް ހޯދާފައިވާ ޗެލްސީގެ އޯނާޝިޕް ބަދަލުވިފަހުން މިދިޔަ ދެތިން ސީޒަނެއްގައި އެޓީމަށް ވަނީ އުނދަގޫ ހާލަތްތަކާ ދިމާވެފައެވެ. އެގޮތުން ހުސް އަތާ ދެތިން ސީޒަން ނިންމާލަން ޖެހުމާއެކު، ޗެލްސީ އޮތީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫނެވެ.

އެ ނާކާމިޔާބީގެ ސިލްސިލާ ނިންމަން، މި ސީޒަނުގެ ކޮންފަރެންސް ލީގު ހޯދަން ޗެލްސީން މަސައްކަތް ކުރަމުންދާ އިރު، ސެމި ފައިނަލް ފުރަތަމަ ލެގުގައި އެޓީމުން ވަނީ ސްވިޑެންގެ ޖޫގާޑެން ކައިރިން 4-1 އިން މޮޅުވެފައެވެ.

އެހެންކަމުން އެޓީމަށް ފައިނަލް ދިޔުމުގެ ރަނގަޅު ފުރުސަތެއް އެބައޮތެވެ.

"ކޮންފަރެންސް ލީގު ހޯދިއްޖެނަމަ، އެއީ ޗެލްސީ އެނބުރި އައިސްފިއޭ ބުނެވޭނެ ސްޓޭޓްމެންޓެއް. އަހަންނަށްވެސް އެނގޭ މިއީ ޔޫރަޕްގެ އެންމެ އެލީޓް ލެވެލްއެއް ނޫންކަން. އެހެންވިޔަސް، ރެއާލް މެޑްރިޑް ކަހަލަ ޓީމުތައް މި މުބާރާތުގައި ނުކުޅެނީ މި ފެންވަރު ނޫންވީމަ. މިއީ ޗެލްސީ މިވަގުތު އޮތް ފެންވަރު. އެހެންވީމަ މި ތަށްޓަކީ މުހިއްމު ތަށްޓެއް،" މަރެސްކާ ބުންޏެވެ.

މަރެސްކާ ބުނީ ޗެލްސީއަށް މިހާތަނަށް ނުހޯދި އޮތް ހަމައެކަނި ތަށްޓަކީ ކޮންފަރެންސް ލީގު ކަމަށްވުމާއެކު، އެ މުބާރާތް ހޯދުމަކީ އުފާވެރި އިސާސެއް ޓީމަށް ކުރެވޭނެ ކަމެއް ކަމަށެވެ. އަދި މިހާރު އޮތް ޒުވާން ޓީމަށް ތަށްޓެއް މުހިއްމު ކަމަށްވެސް އޭނާ ބުންޏެވެ.

ޗެލްސީއަކީ ކޮންފަރެންސް ލީގުގެ ޓީމުތަކާ އަޅާބަލާ އިރު، އަގުގެ ގޮތުން ހާސްބައި ތަފާތު ކްލަބެކެވެ. ސެމީގައި އެޓީމާ ދެކޮޅަށް ނުކުން ޖޫގާޑެންއަށްވެސް ޗެލްސީ ސްކޮޑުގެ އަގު 44 ގުނަ ބޮޑެވެ. އަދި ބައެއް ޓްރާންސްފާ ޑޭޓާތައް ދައްކާ ގޮތުގައި، ޗެލްސީގެ ސްކޮޑުގެ އަގަކީ އެޓީމުގެ އިތުރުން ދެން ކޮންފަރެންސް ލީގުގައި ވާދަކުރާ އެހެން ހުރިހާ ޓީމެއްގެ ސްކޮޑު އަގު އެއްކޮށްލުމުންވެސް ނުބައްދަލު އަގެކެވެ.