ރެއާލް މެޑްރިޑުން ބޭނުންވަނީ ކުރިއަށް އޮތް ކްލަބު ވޯލްޑް ކަޕްގެ ކުރިން ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްގެ ސޮއި ހޯދަން ކަމަށް އިތުބާރު ނޫސްތަކުން ބުނެފިއެވެ.

އާނޯލްޑް، 26އ، ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެ އެއްބަސްވުން ހަމަވުމާއެކު އޭނާއަށް ހިލޭ ޓްރާންސްފާއެއްގައި އެ ކްލަބު ދޫކޮށްލެވޭނެއެވެ. އާނޯލްޑްގެ ލިވަޕޫލް އެއްބަސްވުން ހަމަވާނީ ޖޫން މަހުގެ 30 އަށެވެ.

އެހެންނަމަވެސް، އޭގެ 16 ދުވަސް ކުރިން ކްލަބު ވޯލްޑް ކަޕް ފަށާ އިރު، ރެއާލް ބޭނުން ނަމަ، އަގު ދީފައި އާނޯލްޑް ގެންދެވޭނެއެވެ. އެއީ ކްލަބު ވޯލްޑް ކަޕްގެ ކުރިއަށް، ޖޫން އެކަކުން 10 އަށް ކުޑަ ޓްރާންސްފާ ވިންޑޯއެއްގައި ކްލަބުތަކަށް ފުރުސަތު ދޭން ފީފާއިން ނިންމާފައިވާތީއެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ރެއާލުން ބޭނުންވަނީ ކުޑަ ރިލީސް ފީއެއް ކަމަސްވާ 850،000 ޕައުންޑް ދީފައި އާނޯލްޑްގެ ސޮއި ހޯދާށެވެ. އެގޮތަށް އާނޯލްޑް އެއްބަސްވާން ތައްޔާރަށް ހުރި ކަމަށާއި، ދެން އޮތީ ދެ ކްލަބުން މަޝްވަރާކުރުން ކަމަށްވެސް ނޫސްތައް ބުނުފައިވެއެވެ.

އާނޯލްޑަކީ އިނގިރޭސިވިލާތުގެ ލިވަޕޫލަށް އުފަން ކުޅުންތެެރިއެކެވެ. އޭނާ ވަނީ އެ ކްލަބަށް 352 މެޗު ކުޅެފައެވެ. 2016 ވަނަ އަހަރުން ފެށިގެން އާނޯލްޑް ލިވަޕޫލަށް ކުޅެފައިވާ އިރު، އޭނާއަކީ ސައިޑް ބެކެއް ނަމަވެސް މުހިންމު ގޯލުތަކެއް ޖަހައިދިން ކުޅުންތެރިއެކެވެ. އެގޮތުން އާނޯލްޑް ވަނީ 23 ގޯލު ޖަހައި 86 އެސިސްޓް ފުރިހަމަކޮށްފައެވެ.

އާނޯލްޑް ވަނީ 2019-20 ވަނަ އަހަރުވެސް ލިވަޕޫލާއެކު ލީގު ކާމިޔާބުކޮށް، މި ސީޒަނުގެ ލީގުވެސް ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން 2018-19 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި 2022 ވަނަ އަހަރު އެފްއޭ ކަޕްވެސް އާނޯލްޑް ވަނީ ލިވަޕޫލާއެކު ކާމިޔާބުކޮށްފައެވެ.