ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް، އެޗްޑީސީއާއި ފެމިލީ ޑިވޮލަޕްމަންޓް މިނިސްޓްރީ ގުޅިގެން ފެމިލީ ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ކާނިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގެ 16:00 އިން 18:00 އަށް ހުޅުމާލޭ ހިޔާ ޕާކުގައި ކަމަށެވެ.

އެ ކާނިވަލުގައި ކުޑަކުދިންނަށް ހާއްސަކޮށް ރޮބޯމޭންގެ ހުށަހެޅުމާއި އެކި ކަހަލަ ގޭމް ސްޓޯލްތަކާއި އިންފްލޭޓަބަލް ކާނިވާ ގޭމްސް ބެހެއްޓިފައި ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކާނިވަލުގައި އާއިލާ އެންމެންނަށް އިވެންޓުގެ ތެރެއިން 360° ފޮޓޯއާއި ވީޑިއޯ ނެގޭ ގޮތަށް ބޫތު ބަހައްޓާފައި ހުންނާނެ ކަމަށާއި އިވެންޓުތަކުގެ ތެރެއިން ހިލޭ ޑެންޓަލް ޗެކަޕް ހެދުމުގެ ފުރުސަތުވެސް ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ކާނިވަލްގައި ކުރިއަށްދާނެ ހަރަކާތްތައް:

  • ރޮބޯމޭން ޕާފޯމެންސް
  • އެކްޓިވިޓީ ސްޓޯލްތައް
  • ގޭމް ސްޓޯލްތައް
  • އިންފްލޭޓަބަލް ކާނިވާ ގޭމްސް
  • ފޮޓޯ/ވީޑިއޯ ބޫތު
  • ފޯމް ޕާޓީ
  • ފަޔާ ވެހިކަލް (ފޮޓޯ ނެގުމަށް)
  • ޓްރެފިކް ޕާކް
  • ޑެންޓަލް ޗެކަޕް
7 މެއި 2025: ހުޅުމާލެ ފޭސް ދޭއްގައި ކުރިޔަށްގެންދިޔަ ކުޑަކުދިންގެ ހަވީރެއް --- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީން ބުނީ އެ ކާނިވާ ކުރިއަށްގެންދަނީ އައިލެންޑް ބެވަރޭޖެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައި ކަމަށެވެ. އެގޮތުން ކާނިވަލުގައި ފޯމް ޕާޓީ ކުރިއަށްގެންދަނީ އުރީދޫގެ ފަރާތުން ކަމަށާއި އަދި އައިލެންޑް ބެވަރޭޖެސްގެ ފަރާތުން ކުރިއަށްގެންދާ ވަރަށް ހާއްސަ ހަރަކާތްތަކެއްވެސް އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ހަރަކާތްތަކުގެ އިތުރުންވެސް އެ ކާނިވަލް ކުރިއަށްގެންދަނީ ފުލުހުން، އެމްއެންޑީއެފް، އެޗްޕީއޭ، ޓްރީޓޮޕް ހޮސްޕިޓަލް، ތެލެސީމިއާ ސޮސައިޓީ، މޯލްޑިވްސް އިސްލާމިކް ބޭންކް، މަމްސް އެންޖީއޯ، ކިޑްސް ޒޯން، ޑޫ ގުޑް އެންޖީއޯގެ އިތުރުން އެޗްއާރުސީއެމްގެ ބައިވެރިވުމާއެކު ކަމަށް އެޗްޑީސީން ބުންޏެވެ.

މި މަހުގެ 12 ވަނަ ދުވަހު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ގިނަ ހަރަކާތްތަކަކާއެކު ކުލަގަދަ ފެސްޓިވަލެއް ބޭއްވުމަށްވެސް އެޗްޑީސީން ވަނީ ނިންމައިފައެވެ.

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަފުތާއަކަށް ދިގުދެމިގެންދާ ގޮތަށް ކުރިއަށްގެންދާ އެ ފެސްޓިވަލްގެ ހަރަކާތްތައް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.