ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ފުރަތަމަ ޖާގަ އިޓަލީގެ އިންޓަ މިލާނުން ހޯދައިފިއެވެ.
އިންޓައިން ފައިނަލުގެ ޖާގަ ޔަގީންކުރީ މިރޭ އަމިއްލަ ދަނޑު، ސަންސީރޯގައި ކުޅުނު ސެމީ ފައިނަލް ދެވަނަ ލެގުގެ މެޗު އިތުރު ވަގުތުގައި ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 3-3 އިން އެއްވަރުވެފައި އޮތް އިރު، އޭރު އޮތީ އެގްރިގޭޓް 6-6 އިން މެޗު އެއްވަރުވެފައެވެ. އެއާއެކު އިތުރު ވަގުތަށް ގޮސް، އިންޓަ މޮޅުވީ 4-3 ގެ ނަތީޖާއަކުންނެވެ. އެއާއެކު އެޓީމަށް ވަނީ 7-6 އިން އެގްރިގޭޓްގައި ކުރި ލިބިފައެވެ.
ފުރަތަމަ ލެގެކޭ އެއްގޮތަށް މިރޭވެސް ތަފާތު ފޯރިގަދަ މެޗެއް ފެނިގެން ގޮސްފައިވާ އިރު، އިންޓައިން ދެ ގޯލު ޖަހާފައި ވަނިކޮށް، ބާސާއިން ފަހަތުން އަރައި ތިން ގޯލު ޖެހިއެވެ. އަދި އިންޓައިން ފުރިހަމަ ވަގުތުގެ ފަހު މިނެޓް މެޗު އެއްވަރުކޮށް، މޮޅުވީ އިތުރު ވަގުތަށް ގޮސްގެންނެވެ.
ފުރަތަމަ ލެގުވެސް ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، މިރޭގެ މެޗަށް ދެޓީމަށްވެސް އޮތީ އަނިޔާގެ މައްސަލަތައް ބޮޑުވެފައެވެ.
ބާސާގެ އިތުބާރު ޑިފެންޑަރު ޖޫލްސް ކޫންޑޭއާއި އެލެހާންޑްރޯ ބާލްޑޭއަށް އަނިޔާވެ، މިރޭގެ މެޗު ގެއްލޭނެކަން މާކުރިންވެސް ޔަގީންވެފައި އޮތް އިރު، އިންޓައަށްވެސް އޮތީ އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. ކެޕްޓަން ލައުޓާރޯ މާޓިނޭޒް، މަޖުބޫރު ހާލަތެއްގައި ފިޓްވެގެން މެޗަށް ނުކުތް އިރު، ބެންޖަމިން ޕަވާޑަށް އަނިޔާގެ ސަބަބުން މެޗު ގެއްލުނެވެ.
މެޗުގެ 70 ވަނަ މިނެޓުގައި މާޓިނޭޒް ބަދަލުކޮށްފައިވީ ނަމަވެސް، އޭގެ ކުރިން އިންޓައަށް އެންމެ މުހިއްމު ރޯލެއް އަދާކުރީ އޭނާއެވެ. ގާތްގަނޑަކަށް ފުރަތަމަ ލެގުގައިވެސް ކުޅުނު ސްޓައިލްގައި އިންޓައިން ކުޅެމުން ގޮސްފައިވާ އިރު، އެޓީމުން ވަނީ ކުރީކޮޅުގައި ފުރުސަތުގެ ބޭނުންވެސް ހިފައިފައެވެ.
މެޗުގެ 21 ވަނަ މިނެޓުގައި އެ ގޯލު ޖެހީ މާޓިނޭޒެވެ. މެދުތެރެއިން ފެޑެރީކޯ ޑިމާކޯ ހޯދި ބޯޅައިގައި ޑެންޒިލް ޑަމްފްރީސް ހުރަސްކޮށްލި ބޯޅަ މާޓިނޭޒް ގޯލަށް ވައްދާލީ ފަސޭހަކަމާއެކުގައެވެ.
އޭގެފަހުން ބާސާގެ ލެމީން ޔަމާލާއި ޕެޑްރީގެ ނުރައްކާ ފެނިގެން ދިޔަ ނަމަވެސް، ހާފު ނިމުމުގެ ކުރިން އިންޓަ އަނެއްކާވެސް ގޯލު ޖެހިއެވެ. އޭރިއާ ތެރެއަށް ދުއްވާލި ޕާހަކަށް މާޓިނޭޒް މަސައްކަތް ކުރަނިކޮށް، އެތަނުން ޕައު ކުބާސީ ކުރި ޓެކުލާއެކު ރެފްރީ ޕެނަލްޓީ ދިނެވެ.
ވީއޭއާރް ބަލާފައި ދިން ޕެނަލްޓީ ގޯލަށް ވައްދާލީ ހަކާން ޗަލަނޮގްލޫއެވެ.
ފުރަތަމަ ހާފުގެ ފޯރިގަދަ ކުޅުމާއެކު ހާފު ނިންމާފައި ދެޓީމު އެތެރެއަށް ވަނީވެސް ދެބަސްވަމުންނެވެ. އެ ހޫނު ޖަޒުބާތުގައި ދެވަނަ ހާފަށް ނުކުމެ، ބާސާ ތަފާތު ދެއްކިއެވެ.
މެޗުގެ 54 ވަނަ މިނެޓުގައި އެރިކް ގާސިއާ ބާސާއަށް ހިތްވަރު ހޯދައިދިން އިރު، އޭގެ ހައެއްކަ މިނެޓް ފަހުން ޑެނީ އޮލްމޯ ބާސާއަށް އެއްވަރުކޮށްދީ، އެގްރިގޭޓްވެސް އެއްވަރުކުރިއެވެ.
އެ ގޯލަކީ އަރިމަތިން ހުރަސްވި ބޯޅައެއް، ބޮލުން ގޯލަށް ވައްދާލައިގެން އޮލްމޯ ޖެހި ގޯލެކެވެ.
އޭގެފަހުންވެސް ބާސާއިން ބޮޑަށް ނުރައްކާ ކުރަމުން ގޮސްފައިވާ އިރު، 75 ވަނަ މިނެޓުގައި ޔަމާލް ދުރުން ފޮނުވާލި ބާރު ހަމަލާ އިންޓަގެ ކީޕަރު ޔާން ސޮމާ ވަނީ މަތަކޮށް ބޭރުކޮށްލައިފައެވެ.
ދެހާސް ފަނަރަވަނަ އަހަރަށްފަހު ބާސާއިން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަކަށް މަސައްކަތް ކުރަމުން ދިޔަ އިރު، އިންޓައިން އެންމެފަހުން ފައިނަލެއް ކުޅުނީ 2023 ވަނަ އަހަރުއެވެ، އެފަހަރު ބަލިވީ މެންޗެސްޓާ ސިޓީ ކައިރިންނެވެ.
ފުރިހަމަ ވަގުތުގެ ފަހުކޮޅުގައި ދެޓީމުންވެސް ގޯލަކަށް މަސައްކަތް ކުރި އިރު، ބޮޑަށް ކޮންޓްރޯލްކޮށް ކުޅުނީ ބާސާއިންނެވެ. އެޓީމުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، އެޓީމުގެ ސްޓައިލްގައި ކުޅެމުން ގޮސްފައިވީ ނަމަވެސް، ގެއްލޭ ކޮންމެ ބޯޅައެއްގައި އިންޓަ ދިޔައީ ނުރައްކާ ކުރަމުންނެވެ.
ބާސާއިން ދުލެއް ނުދީ ކުރިއަށް ޖައްސާލައިގެން ކުޅުމުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 87 ވަނަ މިނެޓުގައި، އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ރަފީނިއާ ތަފާތު ދެއްކިއެވެ. އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ، އޭނާ ބަލާލާފައި އަމާޒުކޮށްލީ ސީދާ ގޯލުގެ ތިރީ ކަނަށެވެ.
އެހިސާބުން ބާސާއަށް 10 އަހަރު ފަހުން ފައިނަލް ޔަގީންވި ކަމަށް ބަލައިގެން ތިއްބާ، އިންޓައިން ފަހު މިނެޓް މެޗު އެއްވަރުކުރިއެވެ. އެ ގޯލު ޖެހީ އުމުރުން 37 އަހަރުގެ ފްރެންސެންސްކޯ އަސާބީއެވެ.
އެ އުފާފާޅުކުރުން ތަކާއެކު މެޗު އިތުރު ވަގުތަށް ގޮސް، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އިންޓައިން މެޗުގެ ނަތީޖާ އަނބުރާލައި، އެގްރިގޭޓުންވެސް ކުރި ހޯދިއެވެ. އެ ގޯލު ޖެހީ ޑާވިޑޭ ފްރަޓޭސީއެވެ.
އެ ގޯލާއެކު ދަނޑު އެއްކޮށް ކެކި އަރައި، އިންޓައިން ޖޯޝާއެކު ލީޑު ހިފަހައްޓާލިއެވެ. ފަހުން ބާސާގެ ރޮބާޓް ލެވަންޑޯސްކީ އަރާވެސް ގޯލެއް ޖެހޭތޯ މަސައްކަތް ކުރި އިރު، އޭނާއަށް ލިބުނު ހުސް ފުރުސަތެއް ބޭކާރުވެސް ވިއެވެ. އަދި ޔަމާލްގެ ނުރައްކާތެރި ދެ ހަމަލާއެއް މަތަކުރީ އިންޓަ ކީޕަރު ސޮމާއެވެ. ސޮމާ ވަނީ މެޗުގައި މޮޅަށް ކުޅެފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު