ބާސެލޯނާ ބަލިކުރަން ބޭނުންވާނަމަ، ކޮންމެ ގޮތެއް ހަދާފައިވެސް ލެމީން ޔަމާލް ހުއްޓުވަން ޖެހޭނެ ކަމަށް އިންޓަ މިލާންގެ އިޓަލީ ޑިފެންޑަރު އެލެސާންޑްރޯ ބަސްޓޯނީ ބުނެފިއެވެ.

ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ދެވަނަ ލެގުގައި އިންޓަ ދަނޑުގައި މިރޭ ބާސާއާ ދެކޮޅަށް ނުކުންނަ އިރު، ބާސާ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އެ ނަތީޖާއަކީ އިންޓައަށް ރަނގަޅު ނަތީޖާއެއް ނަމަވެސް، އެރޭގެ މެޗުގައި ބާސާ ދެއްކި ކުޅުމާއެކު، ބާސާއަކީ އަދިވެސް ފެވަރިޓުންނެވެ.

ޔަމާލް، އެ މެޗުގައި މޮޅަށް ކުޅެ، ގިނަ ބަޔަކު ހައިރާން ކޮށްލާފައިވާ އިރު، ބާސާއަށް ހިތްވަރު ހޯދައިދިން މުހިއްމު ގޯލެއްވެސް އޭނާގެ ފަރާތުން ފެނިގެން ގޮސްފައިވެއެވެ.

އުމުރުން 25 އަހަރުގެ ޑިފެންޑަރު ބަސްޓޯނީ، އެންމެފަހުން ކުޅުނު ޔޫރޯ މުބާރާތުގައިވެސް ޔަމާލާ ކުރިމަތިލާފައިވެއެވެ. އެއީ އިޓަލީއާއި ސްޕެއިން ވާދަކުރި މެޗުގައެވެ. އެ މެޗު ސްޕެއިނުން 1-0 އިން ކާމިޔާބު ކޮށްފައިވާ އިރު، ބަސްޓޯނީގެ ނަޒަރުގައި މިހާރު ޔަމާލް ހުރީ މާ ބޮޑަށްވެސް ކުރިއަރާފައެވެ.

"އަހަރެން ކުރިންވެސް ޔަމާލާ ކުރިމަތިލިން. އެއީ ޔޫރޯ މެޗެއްގައި. އޭރު ޔަމާލް ހުރީ މިހާރު ހުރި ލެވެލްއަކު ނޫން. އަހަރެންވެސް ހުރީ ހައިރާންވެފައި ޔަމާލަށް އައި ކުރިއެރުން ފެނިފައި. އެއީ އެ އުމުރުގެ ކުޅުންތެރިއަކަށް ބަލައި، ޔަމާލް ދަނޑުމަތީގައި އެ ކުރަނީ އާދައިގެ ކަމަކަށް ނުވާތީ. އެއީ މިހާރު ދުނިޔޭގައިވެސް ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ،" ބަސްޓޯނީ ބުންޏެވެ.

ޔަމާލަށް އަދި އެންމެ 17 އަހަރު ނަމަވެސް، އޭނާއަކީ މިވަގުތުވެސް ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ބުނެ ބަސްޓޯނީ ބުނީ، ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ހިފަހައްޓަން ޖެހޭނެ ކަމަށެވެ.

"އަހަރެމެން ޖެހޭނެ ޑަބަލްކޮށް ޔަމާލް މާކު ކުރަން. ނޫނިއްޔާ ފުރަތަމަ ލެގުގެ ބައެއް ހާލަތްތަކުގައި ޑިފެންޑް ކުރިހެން ތިން ކުޅުންތެރިން އެކުގައި ކައިރިކުރަންވެސް ޖެހޭނެ. އެކަން ކުރަން ޖެހޭނީ އެހެން ކުޅުންތެރިންނަށްވެސް ވިސްނައިގެން. އެއީ ބާސާއަކީ ޔަމާލް އެކަންޏެއް ނޫން،" ބަސްޓޯނީ ބުންޏެވެ.

ބަސްޓޯނީ ބުނީ މިރޭގެ ދެވަނަ ލެގަށް އޮތީ 50-50 ގެ ފުރުސަތެއް ކަމަށާއި، އެއްވެސް ހާލަތެއްގައި އިންޓައަށް އުންމީދު ނުގެއްލޭނެ ކަމަށެވެ.