ބަހުގައި ދަތުރުކުރާ ތެލެސީމިޔާ ކުދިންނަށް ލުއިފަސޭހަ ކޮށްދިނުމަށް އޮރެންޖު ހިޔާ ކައިރީގައި އިތުރު ބަސް ސްޓޮޕެއް ގާއިމްކޮށްފިއެވެ.

އެމްޓީސީސީން މިއަދު ކުރި އިއުލާނުގައި ބުނީ އެ ސަރަހައްދުގައި ބަސްރޫޓުގައި ހިމެނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދުދެއްވާފައިވާ ކަމަށެވެ.

އެ އިރުޝާދުގެ ދަށުން، އެމްޓީސީސީގެ ބަސްރޫޓުގައި ތެލެސީމިޔާ ބަލި ކުދިންނަށާއި އެ ބަލީގެ ފަރުވާހޯދާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމަށް އެ ކުންފުނީގެ ހުޅުމާލެ ފިޔަވަހި އެކެއް އަދި ދޭކަށް ދަތުރުކުރާ އާރު5 ރޫޓުގެ ބަސް އޮރެންޖު ހިޔާއަށް މަޑުކުރާގޮތަށް ބަސް ހުއްޓިއެއް އިތުރުކޮށްފައިވާ ކަމަށެވެ.

5 މެއި 2025: ބަސް ރޫޓު --- ފޮޓޯ/ އެމްޓީސީސީ

މިއަދު ކުރި އިއުލާނާއެކު ބަދަލުގެނެސްފައިވާ ދެ ބަސްރޫޓް ވަނީ އެމްޓީސީސީ ވެބްސައިޓުގައި ހިއްސާކޮށްފައެވެ.

އެމްޓީސީސީން އިތުރަށް ބުނީ، މިއަދުގެ 13:30 އިން ފެށިގެން އެ ދެ ރޫޓުންވެސް އޮރެންޖު ހިޔާ ބަސްހުއްޓިއަށް ހިދުމަތް ލިބޭނެ ކަމަށެވެ.