ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއުގެ ތެރެއިން، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 52 ޕަސެންޓު މަސައްކަތް ނިންމާފައިވާ އެ މަޝްރޫއު ކުރިޔަށްގެންދާ އެމްޓީސީސީން އިއްޔެ ބުނެފިއެވެ.

އެމްޓީސީސީން ބުނީ ނިލަންދޫ އެއާޕޯޓުގެ މަޝްރޫއުގެ ތެރެއިން، ސޭންޑް ބަންޑުލްވޯލުގެ މަސައްކަތުގެ 72 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.

ނިލަންދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ 42.6 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ފ. މަގޫދޫގައި އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ދަނިކޮށް، އެ ރަށާ 15 ވަރަކަށް މިނެޓް ދުރުގައި އޮންނަ، ފ. ނިލަންދޫގައި ވެސް އެއާޕޯޓު ހަދަން ނިންމައި، އެކަމަށް ބޭނުންވާ ސާވޭތަކާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމުގެ މަސައްކަތް ކުރުމަށް ސޮއިކުރީ 4 ޖެނުއަރީ 2024 ގައި ރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 390 ދުވަސް ތެރޭ ނިންމުމަށެވެ.

ނިލަންދޫގައި އެއާޕޯޓް ހަދަން ނިންމައި، ބިން ހިއްކަން މި އަހަރުގެ ބަޖެޓުގައި 20 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.