ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ސެލްޓަ ވީގޯ ބަލިކޮށްފިއެވެ.

ރޭގެ މެޗަކީ މި ސީޒަނުގެ ލީގު ރޭހުގައި ރެއާލަށް ކޮންމެހެންވެސް މޮޅުވާން ޖެހިފައި އޮތް މެޗެކެވެ. އެއީ ރޭގެ މެޗުގެ ކުރިން ބާސެލޯނާއިން ލީގު ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓް ލީޑެއްގައި އޮތުމުންނެވެ. އެ ލީޑުގައި ބާސާ އޮތުމާއެކު އިތުރު އެންމެ ޕޮއިންޓެއް ގެއްލުވާލިޔަސް، ބާސާއަށް ލީގު ލިބުމަށް ބޮޑު ފުރުސަތެއް އޮންނާނެއެވެ.

ރޭ 3-2 އިން އަމިއްލަ ދަނޑުގައި މޮޅުވެ، ރެއާލް ދެވަނައިގައި އޮތީ 34 މެޗުން 75 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި ބާސާ އޮތީ 34 މެޗުން 79 ޕޮއިންޓާއެކުގައެވެ. ރެއާލުން ދެން ލީގުގައި ކުޅެން ޖެހޭނީ ބާސާއާ ދެކޮޅަށެވެ. ދެޓީމަށްވެސް ދެން ބާކީ ތިން މެޗު އޮތް އިރު، އަންނަ ހަފުތާގެ އެލް ކްލެސިކޯ ވެގެންދާނީ ތަށްޓަށް ގޮތް ނިންމާނެ މެޗަކަށެވެ.

ރޭ ކުޅުނު މެޗުގެ 33 ވަނަ މިނެޓުގައި ރެއާލުން ވަނީ ލީޑު ނަގައިފައެވެ. އެއީ ކުރު ކޯނަރެއް ނަގައި، ރަނގަޅު ރޫޓީންއެއް ކާމިޔާބުކޮށް، އާދާ ގޫލާ ޖަހައިދިން ގޯލެކެވެ.

އޭގެ ހަ މިނެޓްފަހުން ކިލިއަން އެމްބާޕޭ ރެއާލަށް ލީޑު ފުޅާކޮށްދިން އިރު، ދެވަނަ ހާފުގެ ފުރަތަމަ ކޮޅުގައި އެމްބާޕޭ ވަނީ އިތުރު ގޯލެއް ޖަހައި ރެއާލްގެ ހާސްކަން ކަނޑުވާލައިފައެވެ.

އެމްބާޕޭގެ ދެވަނަ ގޯލާއެކު ހަމަޖެހުލެއް ލިބުނު ނަމަވެސް، މެޗު ނިންމާލަން ދަނިކޮށް ސެލްޓާއިން ދެ ގޯލު ޖަހައި ރެއާލް ހާސްކޮށްލިއެވެ. އެ ގޯލުތައް ޖެހީ ޖަވީ ރޮޑްރީގޭޒްއާއި ވިލިއޮޓް ސްވެޑްބާގެވެ.

އޭގެފަހުން ސެލްޓާއިން އިތުރު ހަމަލާތަކަކާއެކު އެއްވަރުކުރުމާ ގާތަށް ޖެހިލި ނަމަވެސް، ރެއާލް ކީޕަރު ތީބޯ ކޯޓުއާ ވަނީ މުހިއްމު ދެ ސޭވަކާއެކު މޮޅު ޔަގީން ކޮށްދީފައެވެ.